Villimale in STELCO ah ithuru bimeh dheyn council in dhekolhu hadhaifi

ވިލިމާލޭގައި ސްޓެލްކޯގެ އިތުރު ޓްރާންސްފޯމަރެއް ބަހައްޓަން އެ ކުންފުނިން ހުށަހެޅި ބިން ނުދޭން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސްޓެލްކޯއިން އެދިފައި އޮތީ ވިލިމާލޭގެ ކަރަންޓު ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި، މިހާރު އޮތް ސްޓެލްކޯގެ ބިމާ އިންވެގެން ޓްރާންސްފޯމަރެއް ބަހައްޓަން ބޭނުންވާ 30 އަކަފޫޓުގެ ބިމެއް ދިނުމަށް ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ މިއަދު ބައްދަލުވުމުގައި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވީ، ސްޓެލްކޯ އިން ބޭނުންވާ ބިން ވަކި ސަރަހައްދަކުން ހޯދަން މަސައްކަތް ކުރަނީ އެ ކުންފުންޏަށް ވިލިމާލެ އިން މިހާރު ދީފައިވާ ބޮޑު ބިމަށް ޖާގަ އިތުރުކުރުމުގެ ބޭނުމުގައި ކަމަށެވެ.

"އަޅުގަނޑަށް މީތި ފެންނަނީ މިހާރު [ސްޓެލްކޯ އަށް] ލިބިފައި އޮތް ބިމުން އަނެއްކާ ޖެހިގެން އޮތް ބިމުން އިތުރު ބައެއް އިތުރުކޮށްލައިގެން ޖާގަ ބޮޑުކޮށްލަން މަސައްކަތް ކުރައްވާ ތަން،" ނަހުލާ ވިދާޅުވި އެވެ.

މިބައްދަލުވުމުގައި އެހެން މެންބަރުންވެސް ވަނީ ސްޓެލްކޯއަށް ބިން ދިނުމާ ދެކޮލަށް ވާހަކަދައްކަވާފަ އެވެ. އެގޮތުން ސްޓެލްކޯއަށް ދޭ ބިންތަން މާލީ މަންފާ ހޯދަން ބޭނުންކުރާ ކަމަށް ބައެއް މެންބަރުން ތުހުމަތުކުރި އެވެ.

މިހާރު އިންޖީނުގެ ހިންގަމުން އަންނަ ބިމުގައި ޓްރާންސްފޯމަރު ބެހެއްޓުމަށް އެންގުމަށާއި އެ ތަނުގައި ނުބެހެއްޓޭނަމަ އިތުރަށް މަޝްވަރާ ކުރުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ ފާސްކޮށްފަ އެވެ. އަދި ސްޓްލެކޯއިން ކުރިއަށް އޮތް ތިން އަހަރަށް ބޭނުންވާ ޖާގައިގެ ޕްލޭނެއް ހޯދުމަށް ވެސް ވަނީ ނިންމާފަ އެވެ.

ސްޓެލްކޯއިން ތިން ޓްރާންސްފޯމަރެއް ބަހައްޓަން ބޭނުންވާ ބިން ނުދިން މައްސަލައެއް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ.