1994 ވަނަ އަހަރު ރިލީޒްކުރި "ދެރިޔާ" އަކީ ދިވެހި ފިލްމީ ދާއުރާއަށް ބޮޑު އިންގިލާބެއް ގެނެސްދިން ފިލްމެކެވެ. މީގެ 30 އަހަރު ކުރިން އުފެއްދި މިފިލްމަކީ އަދިވެސް ދިވެހިން ތެރޭގައި އެންމެ މަގުބޫލު އެއް ފިލްމެވެ.

"ދެރިޔާ" ފިލްމަށް މިއަހަރު 30 އަހަރު ވެގެންގޮސްފައިވާއިރު މިފިލްމުގެ ހަނދާތައް މިފިލްމުގެ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) މިވަނީ އާ ކޮށްފަ އެވެ. މިފިލްމުގެ މަސައްކަތް ފެށީ 1993 ވަނަ އަހަރު ޖުލައި 19 ވަނަ ދުވަހު އެވެ.

އަބްދުލް މުހައިމިން ޕްރޮޑިއުސްކޮށް މުހައްމަދު ނިޔާޒް (ޓެޑްރީ) ޑައިރެކްޓް ކުރި ދެރިޔާ ސިނާމަތަކަށް ނުކުތީ 1994 ވަނަ އަހަރު އެވެ. "ދެރިޔާ" އަކީ އޮލިޕްމަހުގައި ވެސް އެޅުވި އެންމެ ކާމިޔާބު އެއް ފިލްމެވެ. އޮލިމްޕަހުގައި މި ފިލްމުގެ 30 އަށް ވުރެ ގިނަ ހައުސްފުލް ޝޯތައް ދެއްކި އެވެ.

"ދެރިޔާ" ފިލްމު އުފެއްދުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: އެޓާނަލް ޕިކްޗާސް

ޓެޑްރީގެ ފިލްމު ކުންފުނި، އިޓާނަލް ޕިކްޗާސްގެ ފޭސްބުކް ޕޭޖްގައި ވަނީ މީގެ 30 އަހަރު ކުރީގެ ބައެއް ފޮޓޯތައް ހިއްސާކޮށްފަ އެވެ. އަދި އެފޮޓޯތަކާއެކު ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ "ދެރިޔާ" އުފެއްދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ފުރަތަމަ ބޭއްވުމަށް ނިންމީ ހޮޓެއްލ އެލިޔާގެ ގޯތިތެރޭގައި އެވެ. އެހެން ނަމަވެސް ބޯކޮށް ވާރޭ ވެހުމުން އެންމެ ފަހު މިރަސްމިއްޔާތު ބާއްވާފައިވަނީ ސޯޝަލް ސެންޓަރުގަ އެވެ.

"ދެރިޔާ" ފިލްމު އުފެއްދުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެފިލްމުގައި ފެނިގެންދާ ތަރިން ތައާރަފުކޮށްދެއްވަނީ.. ފޮޓޯ: އެޓާނަލް ޕިކްޗާސް

މިރަސްމިއްޔާތުގައި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންނާއި އެކުވެރިންނާ ގާތްތިމާގެ މީހުންނާއި އަދި ފިލްމާއި ގުޅުންހުރި އިދާރާތަކުގެ ވެރިން ބައިވެރިވި އެވެ.

ދެރިޔާ ފެށުމުގެ ރަސްމިއްޔާތު ހުށަހަޅައި ދިނީ މުހައްމަދު ނަޝީދު [ކުރީގެ އިންފޮމޭޝަން މިނިސްޓަރު] އެވެ.

https://www.facebook.com/eternalpicturesmv/posts/687112386779259?ref=embed_post

ދެރިޔާގެ މަސައްކަތް ފަށައި ދިނުމަށް ފުރަތަމަ ކުލެޕަބޯޑު ޖަހައި ދިނީ ޕްރޮޑިއުސަރު އަބްދުލް މުހައިމިންގެ ރަހުމަތްތެރި އަބްދުއްރަޝީދު ހުސެއިން އެވެ.

މި ރަސްމިއްޔާތުގައި ދެރިޔާގެ ކާސްޓް އަދި ކުރޫ މެންބަރުން އިއުލާންކޮށް ތައާރަފްކުރި އެވެ. އަދި ރަސްމިއްޔާތު ނިމިގެން އޮތް ސައިގެ ވަގުތުގައި، ފުރަތަމަ ފަހަރަށް ދެރިޔާގެ ހުރިހާ ލަވަތައް އިއްވާލި އެވެ.

ޕޯސްޓްގައި ބުނެފައި ވަނީ "ދެރިޔާ" ގެ ފުރަތަމަ ޝޮޓް ރެކޯޑްކުރީ، އޮގަސްޓް 19، 1993 ވީ ބުރާސްފަތި ދުވަހު، ސްރީލަންކާގެ ނުވަރަ އެލިޔާއި އޮންނަ ކަންޑަ އެލަ ރެޒައްވާ ބްރިޖްމަތީގައި ކަމަށެވެ.

"ދެރިޔާ" ފިލްމު އުފެއްދުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އޭރުގެ ބައެއް ފިލްމީ ތަރިން.... ފޮޓޯ: އެޓާނަލް ޕިކްޗާސް

އަލީ ޚާލިދާއި ހައްވާ ޒާހިރާ ލީޑްރޯލުން ފެނިގެންދިޔަ މި ފިލްމުގައި ކޮއްޔަ ހަސަން މަނިކާއި މަރިޔަމް ވަހީދާއާއި ހައްވާ ރިޔާޒާއާއި އާރިފާވެސް މުހިއްމު ރޯލަތަކުން ފެނިގެންދިޔަ އެވެ. އަދި މި ފިލްމުވަނީ އެހަރުގެ ޤައުމީ އެވޯޑުން 8 އެވޯޑް ހާސިލުކޮށްފަ އެވެ. އޭގެތެރޭގައި އެންމެ މޮޅު އަންހެން އެކްޓަރެސް އާއި އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު ފިލްމުގެ އެވޯޑްވެސް ހިމެނެ އެވެ.

ދިވެހި މިއުޒިކްގައި 90ގެ އަހަރުތަކުގައި ރަނިކަންކުރި ފަޒީލާ އާމިރުގެ ފެށުމަކީވެސް ވެސް ދެރިޔާ އެވެ. ދެރިޔާއަށް އޭނާ ކިޔާދިން ލަވަތަކާއިއެކު އޭގެ ފަހުން އޭނާ ވަނީ އެ ދުވަސްވަރު ނުކުތް ހުރިހާ މަޝްހޫރު އަލްބަމްތަކަށް ލަވަކިޔާދީފަ އެވެ. އަދި މިފިލްމުގައި އަމިއްލަ ރާގުތަކަށް ހިމެނިގެންދިޔައިރު އެރާގުތަކަކީ މިއަދުވެސް ގިނަ ބައެއްގެ މަދުގައި މަޤްބޫލް ލަވަތަކަކެކެވެ.

https://www.youtube.com/watch?v=wM7a0PQYEM0&list=RDwM7a0PQYEM0&start_radio=1&rv=wM7a0PQYEM0&t=81

މި ފަހުން ޓެޑްރީގެ އެއްވެސް ފީޗާ ފިލްމެއް ބެލުންތެރިންނާ ހަމައަކަށް ނާދެ އެވެ. އެކަމަކު އޭނަ އަންނަނީ މިދިޔަ އަހަރުން ފެށިގެން "ލަސްވިޔަސް" ގެ ނަމުގައި ފިލްމެއް ޑައިރެކްޓްކުރަމުންނެވެ.

"ދެރިޔާ" ބަލާލަން ބޭނުން ނަމަ ބައިސްކޯފުން ބަލައިލެވޭނެ އެވެ.