ޗައިނާގެ ފޮރިން މިނިސްޓަރު ކިން ގޭންގް އެއްގޮތަކަށް ވެސް ނުފެންނި ގާތްގަނޑަކަށް މަހެއްހާ ދުވަސްވުމުގެ ސަބަބުން އެކަމާ މެދު މީޑިއާގައި ސުއާލު އުފައްދަން ފަށައިފި އެވެ.

މިނިސްޓަރު ކިން ގޭންގް އެންމެ ފަހުން ފެނިފައި ވަނީ ރަޝިއާ އާއި ސްރީލަންކާއާއި ވިއެޓްނާމުގެ އޮފިޝަލުންނާ އެކު ޖޫން 25 ގައި އޮތް ބައްދަލުވުމެއްގަ އެވެ.

އޭ ފަހުން މިނިސްޓަރު ހާޒިރުވާން ޖެހުނު ޚާރިޖީ ދާއިރާގެ އެތައް ބައްދަލުވުމަކަށް ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ. އޭގެ ތެރޭގައި މިމަހުގެ ކުރީކޮޅު އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި އޮތް އާސިއާންގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުން ވެސް ހިމެނެ އެވެ. ހަމަ އެގޮތަށް އަންނަ ހަފުތާގައި ސައުތު އެފްރިކާގެ ޖޮހޮނަސްބާގްގައި އޮންނަ ބްރިކްސް (ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ، ސައުތު އެފްރިކާ) ގެ ސަމިޓުގައި ވެސް ކިން ގޭންގް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަކަށް ނުފެނެ އެވެ.

ފޮރިން މިނިސްޓަރު ވީ ނުވީއެއް ނޭނގި މީޑިއާއަށް ގެއްލިފައި ވާއިރު ފާއިތުވި ހަފުތާގައި ވެސް އާންމު ގޮތެއްގައި ނަމަ އޭނާ ބައްދަލު ކުރައްވާނެ އިސް ބޭބޭފުޅުން ޗައިނާއަށް ޒިޔާރަތް ކުރެއްވި އެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ފޮރިން މިނިސްޓަރު ހެންރީ ކިސިންޖަރާއި ޔުކުރެއިންގެ ޑެޕިއުޓީ އިކޮނޮމިކް މިނިސްޓަރު ވެސް ހިމެނި ވަޑައިގަންނަވަ އެވެ. ހަމަ އެފަދައިން މިދިޔަ ހަފުތާގައި ޗައިނާއަށް ޒިޔާރަތް ކުރައްވަން ހަމަޖެހިފައި އޮތް އީޔޫގެ ފޮރިން ޕޮލިސީގެ ވެރިޔާގެ ދަތުރުފުޅު ވެސް ވަނީ ޗައިނާގެ އެދުމުގެ މަތިން ކެންސަލް ކޮށްފަ އެވެ.

ފޮރިން މިނިސްޓަރުގެ ގެއްލުމާ ބެހޭ ގޮތުން ޗައިނާ ސަރުކާރުގެ ހަމަ އެކަނި ރަސްމީ ބަހަކީ އާސިއާންގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ފަހު ސިއްހީ މައްސަލައަކާ ހުރެ ހާޒިރުވެ ވަޑައިނުގެންނެވޭނެ ކަމަށް އެންގި އެނގުމެވެ.

ޗައިނާގެ ފޮރިންގެ މިނިސްޓްރީން އާންމު ކޮށް ބާއްވާ ބްރީފިންގައި ފޮރިން މިނިސްޓަރު ވީނުވީ ތަނަކާ މެދު ސުވާލުކުރުމުން އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ އެކަމާ ބެހޭ މައުލޫމާތު އޭނާއަށް ލިބިފައި ނުވާ ކަމަށެވެ.