ފުރާވަރަށް އަޅައި ބޮޑުވަމުން އަންނަ ދަރިންނަށް ފޯނު ދިނުމަކީ އެކުދިންގެ ހަޔާތުގައި މައިންބަފައިން ނިންމާ ވަރަށް މުހިއްމު ނިންމުމެކެވެ. އެ ނިންމުމުގެ ސަބަބުން އެކުދިންގެ ދިރިއުޅުމަށް ގިނަ ބަދަލުތަކެއް ގެނުވާނެ ނިންމުމެކެވެ.

މި ސަބަބަށްޓަކައި ދަރިންނަށް ފުރަތަމަ ފަހަރަށް ފޯނެއް ދޭއިރު މައިންބަފައިން ވިސްނަންވީ ގިނަ ކަންތައް ތަކެއް ހުރެ އެވެ. ފޯނުގެ ސަބަބުން ނޭދެވޭ އަސަރެއް އެކުދިންގެ އަޚްލާގަށާއި ކިޔެވުމަށް އަޔަ ނުދިނުމަށްޓަކަ އެވެ.

އެންމެ ފުރަތަމަ ކަމަކަށް ތިބާގެ ދަރިފުޅަށް އަމިއްލަ ފޯނެއްގެ ބޭނުން މުހިއްމު ތޯ ބަލާށެވެ. މުހިއްމު ބޭނުމެއް ނެތި ފޯނު ދިނުމަކީ އެންމެ ބުއްދިވެރި ގޮތެއް ނޫނެވެ. އަމިއްލަ ފޯނެއް އޮތުމުގެ މާބޮޑު ބޭނުމެއް ނެތްނަމަ އިތުރު އަހަރުތަކެއް ފޯނު ނުދީ މަޑު ކޮށްލުން އެއީ މޮޅު ގޮމެވެ.

އެއަށްފަހު ފޯނު ކުދިންނާ ހަވާލުކުރުމުގެ ކުރިން އަގުބޮޑު އެއްޗެހި ގެންގުޅެން ދަސްކޮށް ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ފައިސާ ފަދަ އަގުހުރި ތަކެތި އެކުދިންނާ ހަވާލުކޮށް ޒިންމާދާރު ކަމާއެކު ގެއްލުވާ ނުލާ އެފައިސާ ގެންގުޅޭތޯ ބަލާލުން ރަނގަޅުވާނެ އެވެ.

ދެން އޮތް ކަމަކީ ފޯނުގެ ބޭނުމަށް އެކުދިން އަހުލުވެރި ކުރުވުމެވެ. ފޯނުގެ ބޭނުން ރަނގަޅު ގޮތުގައި ކުރުމަށާއި އެއިން ކުރެވޭނެ ނުރަނގަޅު ކަންކަން ވިސްނައިދިނުން މުހިއްމެވެ. އެގޮތުން ސޯޝަލް މީޑިއާގައި އާއި ގޭމް ކުޅުމުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށް ފޯނު ގެންގުޅެން ފެށުމުގެ ކުރިން އެ ކުދިންނަށް ވިސްނައި ދޭށެވެ.

މިކަންކަމަށް ދަރިިފުޅު ހޭނު އަހުލުވެރި ވުމުން ނޫނީ އެކުދިންނަށް ފޯނެއް ދިނުމަކީ އޭގެ ސަބަބުން ކުދިންގެ ތަރުބިއްޔަތަށާއި ތައުލީމަށް ބުރޫ އަރާނެ ކަމެއް ކަމުގައި މާހިރުން ބުނެ އެވެ. އެކަމަށް ވަކި އުމުރެއް ނެތެވެ.