ގިނަ ބަޔަކު އިންތިޒާރު ކުރި ފިލްމު "ބާބީ" ވަނީ ޖުލައި މަހުގެ 21 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވާފަ އެވެ. ބާބީ އެޅުވި ފަހުން ފުރަތަމަ ހަފްތާ ބަންދު ނިމިގެން ދިޔައިރު އެ ފިލްމަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ.

އެގޮތުން ފިލްމުގެ ފުރަތަމަ ހަފްތާ ބަންދުގައި ގްލޯބަލް ބޮކްސް އޮފީހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ފިލްމަށް ވަނީ ޖުމްލަ 115 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ އެއް ލިބިފަ އެވެ.

މިއީ ހަަމަ އެ ހަފްތާ ބަންދުގައި ނުކުތް "އޯޕަންހައިމާ" އާ އަޅާބަލާއިރު ބޮޑު އަދަދެކެވެ. އޯޕަންހައިމާއަށް މި ހަފްތާ ބަންދުގައި ލިބިފައިވަނީ 80.4 މިލިއަން އެމެރިކާ ޑޮލަރެވެ.

ބޮކްސް އޮފީހުގައި މި ދެފިލްމު އެއްފަހަރާ އެޅުވުުމުގެ ސަބަބުން ދެ ފިލްމުގެ އާމްދަނީއަށް ވެސް އަސަރު ކުރާނެ ކަމަށް ބެލެވުނު ނަމަވެސް އެއާ ޚިލާފަށް ބާބީ ވަނީ ރަނގަޅު އާމްދަނީއެއް ހޯދާފަ އެވެ.

ހޮލީވުޑްގެ މާހިރުން ބުނާ ގޮތުގައި ފާއިތުވެދިޔަ ހަފްތާ ބަންދަކީ ބޮކްސް އޮފީހަށް ރެކޯޑް ހަފްތާ ބަންދެކެވެ. އެގޮތުން ގިނަ ބަޔަކު އެއް ދުވަސް މަތިން ދެ ފިލްމު ވެސް ބަލާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ބާބީ ފިލްމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ބާބީ ކްރޭޒް" އިތުރުވެފައި ވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ފިލްމަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބޮކްސް އޮފީސް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.