ސެލީނާ ގޯމޭޒްއާއި އޭނާއަށް ކިޑްނީ ހަދިޔާކުރި ފްރާންސިއާ ރައިސާއާ ދެމެދު ނުތަނަވަސްކަން އުފެދުމަށްފަހު އެ ދެމީހުންގެ ގުޅުން އަލުން ރަނގަޅުވެފައިވާ ކަމުގެ އިޝާރާތެއް ސެލީނާ ދީފި އެވެ.

އެގޮތުން ސެލީނާ ވަނީ ފްރާންސިއާގެ އުފަން ދުވަހާ ގުޅިގެން އޭނާއަށް ތަހުނިޔާ ކިޔާފަ އެވެ. މިއާއެކު އެދެމީހުންގެ މެދުގައި ހުރިހާ ކަމެއް ރަނގަޅު ކަމަށް ނޫސްތަކުން ވަނީ ބުނަން ފަށާފަ އެވެ.

ކުޑައިރުގެ ރައްޓެހިން ކަމަށްވާ އެ ދެމީހުންގެ ތެރެއިން ފްރާންސިއާ އޭނާގެ ރަހްމަތްތެރިޔާ ސެލީނާއަށް ކިޑްނީ ހަދިޔާކުރީ 2015 ވަނަ އަހަރު ސެލީނާ ގޯމޭޒްގެ ކިޑްްނީ ފެއިލްވުމުންނެވެ.

އެހެން ނަމަވެސް އެއަށްފަހު މީޑިއާއަށް ދިން އިންޓަވިއުއެއްގައި ހޮލީވުޑުން އޭނާގެ ރަހްމަތްތެރިއަކީ ހަމައެކަނި ޓެއިލާ ސްވިފްޓް ކަމަށް ސެލީނާ ބުނުމުން ފްރާންސިއާ ވަނީ އޭނާއާ ގުޅުން ކަނޑާލާފަ އެވެ.

އެ ހާދިސާއަށްފަހު ސޯޝަލް މީޑިއާ އެކައުންޓްތަކުން ފްރާންސިއާ ސެލީނާ "އަންފޮލޯ" ކުރި އެވެ. އަދި އަދަށް ދާންދެން ވެސް އޭނާ އަލުން ސެލީނާއަށް "ފޮލޯ" ކޮށްފައެއް ނުވެ އެވެ.

އެހެން ކަމުން ދެން އެ ދެމީހުންގެ މެދުގައި ކަންތައް ވާނެ ގޮތަކާ މެދު ގިނަ ބައެއްގެ މެދުގައި ޝައުގުވެރިކަން ވަނީ އިތުރުވެފަ އެވެ.