ބޮލީވުޑްގެ ތަރިންނާއި ވިޔަފާރިވެރިންގެ ގުޅުމަކީ ފާއިތުވެ ދިޔަ ތަނުގައި ވަރަށް ހާމަކޮށް ފެންނަން އޮތް ކަމެކެވެ. ބޮލީވުޑްގެ އެތައް ތަރިންނެއް އިންޑިއާ އަދި ބޭރުގެ ވިޔަފާރިވެރިންނާ ކައިވެނިކޮށް ދިރިއުޅުމެއް ފަށާފައިވާކަން ވެސް ފާހަގަ ކޮށްލަން ޖެހެ އެވެ.
އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ބޮލީވުޑްގެ ތަރިންގެ ތެރެއިން އިންޑިއާގެ މަހުޖަނުންނާ ކައިވެނިކުރި ބައެއް އަންހެން ފިލްމީ ތަރިންނަށެވެ.
1. ޓީނާ އަމްބާނީ
1990 ވަނަ އަހަރު ބޮލީވުޑްގެ ފިލްމުތަކުން ފެނިގެން ދިޔަ ޓީނާ ޒަވާޖީ ގޮތުން ގުޅިފައިވަނީ ރިލައަންސް އިންޑިއާގެ ބާނީ އަނިލް އަމްބާނީއާ އެވެ. އަނިލްއަކީ ދުނިޔޭގެ ހަވަނައަށް އެންމެ މުއްސަނދި މަހުޖަނު ކަމަށް ފޯބްސް މަޖައްލާއިން ނެރުނު ލިސްޓުގައިވެ އެވެ. އޭނާގެ މިލްކިއްޔާތުގައި 1.7 ބިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ބެލެވެ އެވެ.
2. ޝިލްޕާ ޝެޓީ ކުންޑްރާ
ކާމިޔާބު ގިނަ ބޮލީވުޑް ފިލްމުތަކެއްގައި ހަރަކާތްތެރިވި ޝިލްޕާ ޝެޓީ އިނގިރޭސި މިލިއަނަރެއް ކަމަށްވާ ރާޖް ކުންޑްރާއާ ކައިވެނިކުރީ 2009 ވަނަ އަހަރު އެވެ. ގްރޫޕްކޯ ޑިވެލޮޕާސްއާއި ޓީއެމްޓީ ގްލޯބަލް ފަދަ ވިޔަފާރިތައް ހިންގަމުން އަންނަ ރާޖްއަކީ އިންޑިއަން ޕްރިމިއާ ލީގްގެ ޓީމެއް ކަމަށްވާ "ރާޖަސްތާން ރޯޔަލްސް"ގެ ވެސް ވެރިޔާ އެވެ. ރާޖްގެ މިލްކިއްޔާތަކީ ގާތްގަނޑަކަށް 550 މިލިއަން އެމެރިކާ ޑޮލަރެވެ.
3. ރާނީ މުކަރްޖީ
890 މިލިއަން ޑޮލަރުގެ އަގުހުރި ޔަޝް ރާޖް ފިލްމްސްގެ ބާނީ އަދިތުޔާ ޗޯޕްރާއާއި ރާނީ މުކަރްޖީ ކައިވެނި ކުުރުން ވެގެން ދިޔައީ ގިނަ ބަޔަކު ހައިރާން ކުރުވި ކަމަކަށެވެ. 2014 ވަނަ އަހަރު އެ ކައިވެނި ކުރިއިރު ޖެހިގެން އައި އަހަރު އެ ދެމަފިރިންނަށް ދަރިއަކު ލިބިފައިވެ އެވެ.
4. އަނުޝްކާ ޝަރްމާ
އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާ ކައިވެނި ކުރުމަށްފަހު އެކްޓްރެސް އަނުޝްކާ ވެފައިވަނީ ބޮލީވުޑްގެ މުއްސަނދި އަނބިންގެ ތެރެއިން އެކަކަށެވެ. ވިރާޓްގެ މިލްކިއްޔާތުގައި 35 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ބެލެވެ އެވެ.