ކުވެއިތުގައި 1000 ޑޮލަރަށްވުރެ އަގުހުރި ޗޮކްލެޓް ތަކެއް ވަގަށް ނެގި މީހަކު އެއް އަހަރަށް ޖަލަށް ލާން އެގައުމުގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.

ނަން ހާމަކޮށްފައި ނުވާ އެ މީހާ ވަނީ ކިޓްކެޓް ޗޮކްލެޓްގެ 23 ކޭހާއި 20 ކެޑްބަރީ ކޭހުގެ އިތުރުން 12 ކިންޑާ ޗޮކްލެޓް ކޭސް ވަގަށް ނަގާފަ އެވެ. މިހުރިހާ މުދަލެއްގެ އަގު 1232 ޑޮލަރަށް އަރަ އެވެ.

ކުވެއިތުގެ ފުލުހުން މިދިޔަ ފެބްރުއަރީ މަހު ހިންގި ތަހުގީގުން ހައްޔަރު ކުރެވުނު އެ މީހާއަކީ މީގެ ކުރިން ވެސް ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ހަބަރުތައް ބުނެ އެވެ.

އެ މީހާ ވައްކަން ކުރާ މަންޒަރު ފެންނަ ވީޑިއޯއަކާއި އެހެނިހެން ހެކިތަކާއެކު އެމީހާއާ ސުވާލު ކުރުމުން އޭނާ ވަނީ އެތަކެތި ވަގަށް ނެގި ކަމަށް އިއުތިރާފްވެފަ އެވެ.

މިހުކުމާއެކު ކުވެއިތުގެ ގިނަ ރައްޔިތުން އަންނަނީ އެ ނިންމުމަށް ހަޖޫ ވެސް ޖަހަމުންނެވެ. އެގޮތުން ކޮރަޕްޝަންގެ އަމަލުތަކުގައި ގައުމުގެ ބޮޑުންނަށް އެއްވެސް ފިޔަވަޅެއް ނޭޅޭއިރު މިހާ ކުޑަ ކަމެއްގައި އެއް އަހަރުގެ ޖަލު ހުކުމެއް އައީ ކީއްވެގެންތޯ އެމީހުން ސުވާލު ކުރެ އެވެ.