ދެވަނަ ދައުރަކަށް އިންތިހާބު ވެއްޖެނަމަ ށ. މާއުނގޫދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިހާރު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު މާއުނގޫދު އަށް ވަޑައިގެން އެ ރަށުގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާރު ވެސް މި ސަރުކާރުން މާއުނގޫދޫގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާ ކަމަށެވެ. އެހެން ނަމަވެސް ބައެއް މަޝްރޫއުތައް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުދާކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް އަދިވެސް ނުނިމި އޮތް އޮތުން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ކުރިއަށް އޮތް ދައުރުގައި ރައްޔިތުން ތިއެދުނު ގޮތަށް މި ރަށުގެ ބޮޑެތި މަގުތައް ހަދައި މި ރަށުގެ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް އަންހެނުންގެ ޑޮކްޓަރެއް ބަހައްޓައިދޭނަން. އަދި ރައްޔިތުން އެދޭ ގޮތަށް ޒަމާނީ މިސްކިތެއް އިރާދަކުރެއްވިއްޔާ މި ރަށުގައި އަޅައި ދޭނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ މާއުނގޫދުއަކީ ސިޔާސީ ރަށެއްކަން އެ ރަށަށް ވަޑައިގަތުމުން ހާމަވާކަމަށާއި، އެ ރަށުން ސިޔާސީ ހުރިހާ ކުލައެއް އެބަ ފެންނަކަމަށެވެ. އަދި އިންތިހާބެއްގެ ކެމްޕެއިން މިހާ ހިސާބަށް އަންނައިރު ވާދަކުރަން ގަސްދުކުރާ ސިޔާސީ ޕާޓީތަކުން ރަނގަޅު ކެމްޕެއިނެއް ކުރަން ވާނެ ކަމަށާއި މާއުނގޫދޫން އެ މަންޒަރު ފެންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
"ފެހި ކުލަ، ރީނދޫ ކުލަ އޮރެންޖް ކުލަ، އަދި މަދުން ނަމަވެސް ރަށްރަށުން ފެންނަ ފިޔާތޮށި ކުލަ މިރަށުން އެބަ ފެނޭ. އަޅުގަނޑު ހިތުން ރަނގަޅު ކަމެއް އެއީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
"ހަގީގަތުގައި އަޅުގަނޑުމެންނަށް ޖޯށާއި ފޯރި އަންނަނީ ވެސް މީގެ ރޫހު އަންނަނީ ވެސް ވާދަވެރި ހަރަކާތްތަކުން، އަޅުގަނޑުމެން މި ތިބީ ވާދަކުރަން ނުކުމެ، އަޅުގަނޑު ވަރަށް ހިތްހަމަ ޖެހޭ ޕީޕީއެމްގެ މިރަށު މެންބަރުން އެ ކުރައްވާ މަސައްކަތްތަކަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރިއަށް ވަޑައިގަންނަވަންވީ ކަމަށާއި، މި ތިބީ ވާދަކުރައްވަން ނުކުމެ ކަމަށެވެ.