ގޭސްޓްރައިޓިސް ނުވަތަ ބަނޑުގައި ވައި ހެދުމަކީ އާއްމު ދިރިއުޅުމުގައި ވަރަށް ގިނައިން ދިމާވާ ކަމެކެވެ. އާދައިގެ ކަމެއް ކަމަށް ގިނަފަހަރަށް އަޅާނުލާ ދޫކޮށްލެވޭ ކަމެކެވެ. ނަމަަވެސް ބަނޑުގައި ވައި ހެދުމަކީ ނުރައްކާ ކަމަކަށްވާ ހާލަތްތައް ވެސް އާދެ އެވެ.

ގޭސްޓްރައިޓިސްވާން މެދުވަރިވާ ގިނަ ސަބަބުތަކެއްވާއިރު ހުސް ބަނޑާ ނުކައި ގިނަ ވަގުތު ހުރުމާއި ކުޅި ކާނާ ގިނައިން ކެއުމަކީ ބަނޑުގައި ވައި ހެދުމަށް މަގުފަހިކުރާ އެންމެ އާއްމު ކަންކަމެވެ.

ގެސްޓްރައިޓިސްގެ މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި، މޭނުބައިކޮށް ހޮޑުލުން، އެއްޗެއް ކާއިރު ބަނޑުފުރިފައިވާ ކަމުގެ އިހުސާސް ކުރެވުން، މެއިން ދިލަނެގުން، ވައިލެވުން އަދި އުކުނޑިކޮށްޓުން ފަދަކަންކަން ހިމެނެ އެވެ. ބައެއް ހާލަތްތަކުގައި މި ބަލީގެ އަލާމަތްތައް އެއްވެސް ވަރަކަށް ނުފެނި އަދި ބަލީގެ އުނދަގޫ ބޮޑު ނުވެ ވެސް ހިނގައިދާނެ އެވެ.

މާ ގިނައިން ބަނޑުގައި ވައި ހެދޭނަމަ ނުވަތަ ގިނަ އިރު ވަންދެން ވައިގެ އުނދަގޫ ހުންނަ ނަމަ އެކަމުގެ ނުރައްކާ ބޮޑުވެ އެވެ. އެގޮތުން، ބަނޑާއި ގޮހޮޮރުގައި ފާރު ހެދުމާއި އެތެރެހަށިން ލޭ އައުމާއި އަދި ބައެއް ހާލަތްތަކުގައި ބަނޑުގެ ކެންސަރު ދިމާވުން ފަދަ ކަންކަން ހިމެނެ އެވެ.

އެހެން ކަމުން ހަފްތާއެއް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވަންދެން ގެސްޓްރައިޓިސްގެ ނިޝާންތަކާއި އަލާމާތްތައް ހުރިނަމަ ޑޮކްޓަރުންގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.

އެއާއެކު ވައިގެ އުނދަގޫ ކުރިމަތިވުމުން މާބޮޑަށް ވަރުބަލިވެ، ބޮލުގައި ރިއްސާ ނަމަ ވަގުތުން ސިއްހީ ފަރުވާ ހޯދަން ވާނެ އެވެ.