އިންޑިއާގެ ހަރިޔާނާގައި ހިންދީންނާއި މުސްލިމުންނާއި ދެމެދު ހަމަނުޖެހުން ހިނގައި މަދުވެގެން 4 މީހުން މަރުވުމާ ގުޅިގެން އިންޑިޔާއިން އެ ސަރަހައްދުގައި ކާފިއު ހިންގައިފި އެވެ.

އަންގާރަ ދުވަހު ހިންދޫން ވަނީ މިސްކިތެއް އަންދައިލައި، އެ މިސްކިތުގެ އިމާމު މަރައިލައިފަ އެވެ. މި ހާދިސާ ހިނގީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީއާ މާދުރު ނޫން ހިސާބެއްގަ އެވެ.

ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ވާގޮތުން މިސްކިތް އަންދާލި މީހުން ވަނީ ދެނެގަނެވިފަ އެވެ.

ހިންދޫންނާއި މުސްލިމުންގެ މެދުގައި ހަމަނުޖެހުން ފުރަތަމަ ފެށުނީ ހޯމަ ދުވަހު ހިންދޫން ބޭއްވި ދީނީ ހިނގާލުމެއްގެ ތެރެއިންނެވެ. އެ ހިނގާލުން މުސްލިމުންގެ މެޖޯރިޓީ އޮންނަ ނޫހު ޑިސްޓްރިކްޓުގެ ތެރެއިން ދިޔަ ދިއުމުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި މަދުވެގެން ހަތަރު މީހުން މަރުވި އެވެ. އޭގެ ތެރޭގައި ފުލުހުންގެ ދެ އޮފިސަރުން ހިމެނެ އެވެ.

ހަމަނުޖެހުން ބޮޑުވި ގުރުގުރާމް ޑިސްޓްރިކްޓްގައި މިހާރު ވަނީ ކާފިއު ހިންގައި އިންޓަނެޓާއި މޯބައިލް ނެޓްގެ ޚިދުމަތް ކަނޑާލައިފަ އެވެ. ހަރިޔާނާގައި ހިންގަމުންދާ ހަމަނުޖެހުމުގައި ބާރަ ވަރަކަށް ފުލުހުންނަށް އަނިޔާވެފައިވާ ކަމުގައި ފުލުހުން ބުންޏެވެ. ހަމަ ނުޖެހުން ހިންގައި މީހުން ދަނީ ކާރުތަކުގައި ރޯކޮށް ފިހާރަތަކަށް ގެއްލުން ދެމުންނެވެ.

ނަސްލީ ހަމަނުޖެހުންތަކަކީ އިންޑިޔާގައި އާ ކަމެއް ނޫނެވެ. އެހެން ނަމަވެސް ތަޖުރިބާކާރުން ސިފަކުރާ ގޮތުގައި ބީޖޭޕީ ސަރުކާރު ވެރިކަމަށް އައުމަށް ފަހު ހިންދޫންނާއި މުސްލިމުންގެ ކުރިމަތިލުން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.