ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން ޓަވަރުތައް ކައިރިއަށް ގަވާއިދާ ހިލާފަށް ކުނި އަޅާ މީހުން ދެނެގަނެ ފިޔަވަޅު އެޅުމަށް ސީސީޓީވީ ކެމެރާ ހަރުކޮށް މޮނިޓާކުރަން ނިންމައި، އެފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިންޒާރު ދީފި އެވެ.

އެފްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދަކީ ސާފުތާހިރު އަދި ރައްކާތެރި މާހައުލަކަށް ހެދުމުގެ ގޮތުން ކެމެރާ މެދުވެރިކޮށް މޮނިޓާކޮށް، ގަވާއިދާ ހިލާފަށް ކުނި އަޅާ މީހުން ވަގުތުން ދެނެގަނެ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެ ސަރަހައްދަށް ކުނި އަޅާ މައްސަލަ ބޮޑުވެފައި ވާއިރު، އެ ތަނަށް ޖަމާކޮށްފައިވާ 670 ޓަނުގެ ކުނި އެފްޑީސީން ވަނީ ނަގާފަ އެވެ. އަދި އާންމު ސަރަހައްދުތަކަށް އުސޫލާ ހިލާފަށް ކުނި އުކާލުމުގެ ސަބަބުން ވޭތުވެދިޔަ ނުވަ މަސްދުވަހު އެ ސަރަހައްދުން ކުނި ނައްތާލުމަށް އެކަނިވެސް 13.5 މިލިއަން ރުފިޔާ ހޭދަކުރަން ޖެހުނު ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ހުޅުމާލެއަކީ އާބާދީ ހަލުވިކަމާއެކު އިތުރުވަމުން އަންނަ ސިޓީއަކަށް ވުމާއެކު، ހާއްސަކޮށް ދެވަނަ ފިޔަވަހީގައި ކުނި މެނޭޖްކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. މީގެ ތެރޭގައި ބައު ފަރުނީޗަރާއި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު ފަދަ ބޮޑެތި ކުނިތައް މަގުމައްޗަށް އުކާލުމާއި، ކުނި ވަކިނުކޮށް އެއްކޮށް އުކާލުމުގެ މައްސަލަތައް ބޮޑެވެ.

މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އާންމުން ހޭލުންތެރިކުރުމުގެ އިތުރުން، ވެމްކޯގެ ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ގަވާއިދުން ކުނި ނެގޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.