ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހިންދީ ފިލްމެއް ކަމަށްވާ "ކޮއި މިލް ގަޔާ" 20 އަހަރަށްފަހު އަލުން ސްކްރީންތަކަށް އަންނަން ހަމަޖެހިއްޖެ އެވެ.

އެގޮތުން މި ފިލްމުގެ ހާއްސަ ޝޯ ތަކެއް އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އިންޑިއާގެ ސިނަމާތަކުގައި ދައްކާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

އިންޑިއާގައި އުފެއްދި އެންމެ ފުރަތަމަ ސައިފައި ފިލްމަށް 20 އަހަރު ފުރޭއިރު އެ ފިލްމުގެ ޕްރޮޑިއުސަރުން ވަނީ އެކަން ފާހަގަ ކުރަން ފިލްމު އަލުން އެޅުވުމަށް ނިންމާފަ އެވެ.

ރިތިކް ރޯޝަންއާއި ޕްރިތީ ޒިންތާ ލީޑުރޯލުން ފެނިގެންދާ އެ ފިލްމަކީ ކުދިބޮޑު އެންމެންގެ މަގްބޫލުކަން ލިބުނު ފިލްމެކެވެ. ހާއްސަކޮށް އެ ފިލްމުގެ ކެރެކްޓަރެއް ކަމަށްވާ "ޖާދޫ" އަށް ކުޑަކުދިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެވެ.

މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޑައިރެކްޓަރު ރާކޭޝް ރޯޝަން ބުނީ މިއަދު ވެސް އެ ފިލްމުގެ ވާހަކަތައް މީހުން ދައްކާ އަޑު އިވޭ ކަމަށާއި އެކަމުން އޭނާއަށް ހިތްހަމަޖެހުން ލިބޭ ކަމަށެވެ.

ފިލްމު "ކޮއި މިލް ގަޔާ" އެންމެ ފުރަތަމަ ސްކްރީން ތަކަށް ނެރެފައިވަނީ 2003 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށްވަނަ ދުވަހު އެވެ.