ލޯތްބަށްޓަކައި ޕާކިސްތާން ދޫކޮށް އިންޑިއާއަށް އައި ސީމާ ހައިދަރަށް ބޮލީވުޑް ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް އިންޑިއާގެ ހަބަރުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސީމާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން އޭނާއަށް ހުށައެޅީ ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރެއް ކަމަށްވާ އަމިތު ޖާނީ އެވެ.

ސީމާއަކީ އިންޓަނެޓް މެދުވެރިކޮށް ޕަބްޖީ ކުޅުމުގެ ތެރޭގައި އިންޑިއާއަށް ނިސްބަތްވާ ސަޗިން ދެކެ ލޯބިވެވި އޭނާއާއެކު ވުމަށްޓަކައި ގާނޫނާ ޚިލާފަށް ބޯޑަރު ހުރަސްކުރި ހަތަރު ކުދިންގެ މަންމަ އެކެވެ.

ނޭޕާލްގައި ސަޗިންއާ ބައްދަލުކޮށް ސީމާ އޭނާއާ ކައިވެނި ކުރިއިރު ގާނޫނާ ޚިލާފަށް އިންޑިއާއަށް ވަނުމުން އެގައުމުގެ ފުލުހުން ވަނީ އެ ދެމީހުން ހައްޔަރު ކޮށްފަ އެވެ.

މިފަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް 2004 ވަނަ އަހަރު ނެރުނު ފިލްމް " ވީރް ޒާރާ" އަށްވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.