ސައޫދީ އަރަބިޔާ އިޒުރޭލާއެކު ގުޅުން ގާއިމުކުރުމުގެ އެއްބަސްވުމަކަށްދާއިރު ފަލަސްތީނު ރައްޔިތުންގެ ކަންބޮޑުވުންތަކާ މެދު ސައޫދީން ވިސްނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާޒު އަލް މާލިކީ ވިދާޅުވެއްޖެއެވެ.
އެމެރިކާގެ އިސް ނެގުމަކަށް ފަލަސްތީނާ ސައޫދީގެ ގުޅުންތައް އާދައިގެ ހާލަތަކަށް ގެނައުމަށް ކުރާ މަސައްކަތުގައި އުންމީދުތަކެއް ލިބިފައިވާކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ވިދާޅުވެފަ އެވެ.
ފަލަސްތީން ސައޫދީ ގުޅުމާ ބެހޭ މަޝްވަރާތަކުގައި ހަރަކާތްތެރިވާ ތިން ގައުމުގެ އޮފިޝަލުން ވިދާޅުވާގޮތުގައި އެއްވެސް ކަހަލަ އެއްބަސްވުމަކާ ހަމަޔަށް ދެވެން އޮތީ ވަރަށް އުނދަގޫ ތަފާތު އެތައް މައްސަލަތަކަކަށް ކުރި އެރުން ލިބިގެންނެވެ. އޭގެ ތެރޭގައި އިޒްރޭލުން ހިފާފައިވާ ވެސްޓް ބެންކުގެ އުނދަގޫ ހާލަތާއި ސައޫދީން މަދަނީ ބޭނުންތަކަށްޓަކައި ނިއުކުލިއާ ހަކަތަ އުފައްދަން ފެށުމާ ބެހޭ މައްސަލަތައް ހިމެނެ އެވެ.
އެމެރިކާ އިން އިސް ނަގައިގެން ކުރިޔަށްގެންދާ އިޒްރޭލު ސައޫދީ ގުޅުމުގެ ވާހަކަތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނާއި ސަރުކާރު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފަ އެވެ. އެ ފަރާތްތަކުން ދެކޭ ގޮތުގައި ސައޫދީ އިޒްރޭލުގެ ގުޅުމުގެ ސަބަބުން މުސްތަގުބަލުގައި ފަލަސްތީނުގެ ވަކި ދައުލަތެއް އުފައްދަން ކުރާ މަސައްކަތަށް އަސަރު ކޮށްފާނެ އެވެ.
ސައުދީ އިން މިހާތަނަށް ބުނަމުން އައިސްފައި ވަނީ ފަލަސްތީނާއެކު ސުލްހައިގެ އެއްބަސްވުމަކަށް ނާދެވެނީސް އިޒުރޭލާއެކު ގުޅުން ގާއިމު ނުކުރެވޭނެ ކަމަށެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލް މާލިކީ ވިދާޅުވި ގޮތުގައި ސައޫދީއަކީ ޒަމާނުއްސުރެ ފަލަސްތީނާއެކު އޮތް ގައުމެކެވެ. އެހެންކަމުން އެ ގައުމުން ދައްކާ ވާހަކަ ފަލަސްތީނުން އަހާނެ އެވެ. ހަމަ އެފަދައިން ފަލަސްތީނުގެ ކަންބޮޑުވުމާ މެދު ސައޫދީން ވެސް ވިސްނުމަކީ ފަލަސްތީނު ރައްޔިތުންގެ އުންމީދު ކަމުގައި ވެސް އަލް މާލިކީ ވިދާޅުވި އެވެ.