އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި އެވެ.

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އެ ޕާޓީން ކަނޑައަޅާފައިވާ ކުރީގެ ރައީސް ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ދެމެހެއްޓުމާއެކު، ޕީއެންސީގެ ކެންޑިޑޭޓުގެ ގޮތުގައި ކަނޑައަޅާފައިވާ ޑރ. މުޢިއްޒުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ މިއަދު އެވެ.

ޑރ. މުއިއްޒުގެ ރަނިންމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި، ޕީއެންސީގެ ފަރާތުން، ރިޔާސީ އިންތިހާބަށް ކުރިމަތި ލެއްވި ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ އިލެކްޝަން ކޮމިޝަނުން ބަލައިގެންފައިވާ ކަމަށެވެ.

"ޑރ. މުއިއްޒުގެ ފޯމުގައިވާ މައުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ގާނޫނުގައިވާ ގޮތުގެ މަތީން، ޑރ. މުއިއްޒަކީ، ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިއަދު ހެނދުނު ވަނީ ޤަބޫލު ކޮށްފައި،" ހަބީބު ވިދާޅުވި އެވެ.

މުއިއްޒުގެ އިތުރުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް އީސީން ބަލައިގެންފައި ވަނީ ކާނަލް ނާޒިމާއި ރައީސް ސޯލިހާއި އިލްޔާސް ލަބީބް އެވެ.