އިންޑިއާގައި އެ ގައުމުގެ ޕްރައިވެޓް ސެކްޓާ އިން އުފައްދާ މިލިޓަރީ ޑްރޯންތަކުގައި ޗައިނާގެ ޕާޓްސްތައް ބޭނުންކުރުން މަނާކޮށްފި އެވެ.

ރޮއިޓާސް އިން އާއްމުކުރި އިންޑިއާގެ ޑިފެންސް މިނިސްޓރީގެ ޑޮކިއުމެންޓެއްގައި ވާގޮތުން އެގޮތަށް ނިންމީ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެކަމުގެ ބިރަށެވެ.

މި ނިންމުން އައީ އިންޑިއާ އާއި ޗައިނާގެ މެދުގައި ބޯޑަރު މައްސަލައިގައި އުފެދިފައިވާ ނުތަނަވަސްކަމާއެކު އިންޑިއާއިން އެގައުމުގެ ހަތިޔާރުތައް ޗައިނާއަށް ރައްދު ދެވޭ ފެންވަރަށް އަޕްގްރޭޑް ކުރަން މަސައްކަތް ކުރަމުން ގެންދާ ދަނޑިވަޅެއްގަ އެވެ. އިންޑިއާ އިން ގެންދަނީ މީހަކާ ނުލައި ހަމަލާ ދިނުމަށް އުދުއްސާލެވޭ ފަދަ ތަފާތު ޑްރޯންތައް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓްރީ އިން ޑްރޯން އުފެއްދުމަށްޓަކައި ކުންފުނިތަކަށް ދީފައިވާ ކޮންޓްރެކްޓްތަކުގެ ޓެންޑާ ޑޮކިއުމެންޓްތަކުގައި ވާގޮތުގައި ސަލާމަތީ ސަބަބުތަކަށްޓަކައި ޑްރޯންތަކުގައި އަވައްޓެރި ގައުމުތަކުން އެތެރެކޮށްފައިވާ އޮޕަރޭޓިން ސިސްޓަމާއި ކެމެރާ ފަދަ ތަކެތި ބޭނުން ނުކުރެވޭނެ އެވެ.

ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކު ރޮއިޓާސްއަށް ސާފު ކޮށްދިން ގޮތުގައި ޑޮކިއުމެންޓުގައި އަވަށްޓެރި ގައުމުތަކުގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ޗައިނާގެ ވާހަކަ އެވެ.

އިންޑިއާގެ އުފެއްދުންތަކުގައި ޗައިނާގެ ޕާޓްސްތަކަށް ބަރޯސާ ވުން ވަނީ ވަރަށް ބޮޑުވެފަ އެވެ. އިންޑިއާއިން ތުހުމަތުކުރާ ގޮތުގައި މިކަމުގެ ސަބަބުން ސައިބަ އެޓޭކް ފަދަ ގައުމީ ސަލާމަތަށް ނުރައްކާވުމުގެ ބިރު ބޮޑެވެ.

ޗައިނާ އިން ވަނީ އެއްވެސް ގައުމަކަށް ސައިބަ އެޓޭކް ދިނުން ފަދަ ކަނަތައްތަކަކީ އެ ގައުމުން ކުރި ކަންތައްތަކެއް ނޫން ކަމަށް ބުނެފަ އެވެ.

ޗައިނާގެ އުފެއްދުންތައް ބޭނުންކޮށްގެން ޑްރޯން ހެދުން އެމެރިކާގައި ވެސް ވަނީ މަނާކޮށްފަ އެވެ. އެ ގައުމުން ވެސް ބަހަނާއަކަށް ދައްކަނީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެވެ. ޗައިނާއިން މިހާރު ވަނީ ޑްރޯން އުފައްދަން ބޭނުންވާ ބައިތައް ގައުމުން ބޭރުކުރެވޭ މިންވަރު މަދުކުރުމަށް ފިޔަވަޅުތަކެއް އަޅައިފަ އެވެ.