ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ދެއްވި ސްޓޫޑެންޓް ލޯނުތައް މައާފްކޮށްދެއްވައިފި އެވެ.

ގާސިމް އެކަން އިއުލާން ކުރެއްވީ މިރޭ ބޭއްވި އޭނާގެ މެނިފެސްޓޯ ހާމަކުރުމުގެ ޖަލްސާގަ އެވެ.

ގާސިމްގެ އެހީގައި ތައުލީމު ހޯދާފައިވާ އަދި ހޯދަމުންދާ ކުދިންގެ ޖުމްލަ އަދަދު 8،000 އާ ގާތްކުރެއެވެ. އޭނާ ވިދާޅުވީ މިއީ ދިވެހި ރުފިޔާއިން ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ކަމަށެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުވެ ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، ނުވަތަ ނާކާމިޔާބީއާ ކުރިމަތިލާންޖެހުނަސް ސްޓޫޑެންޓު ލޯނުތައް މައާފުކޮށްދެއްވާފައިވާ ކަމުގެ ޔަގީންކަން ގާސިމް ވަނީ ދެއްވާފަ އެވެ.

ގާސިމް މީގެކުރިން ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަން ދޫކޮށްފައިވާ ލޯނުތައް ވެސް މައާފްކޮށްދެއްވާފަ އެވެ.

ގާސިމް ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ވިލާ ފައުންޑޭޝަންގެ ސްކޮލާޝިޕްސްކީމްގެ ދަށުން އަދި އެ ނޫން ގޮތަކުން ގާސިމްގެ ފަރާތްޕުޅުން އެކި މިންވަރުގެ އެހީތެރިކަން ސިއްހީ ދާއިރާއިން ކިޔެވުމަށް ފުރުސަތު ލިބުނު ލިބި މެޑިސިން، ނާސިން އަދި މެޑިކަލް ސައިންސްގެ ދާއިރާއިން ކިޔަވައިގެން ތިބި ޑޮކްޓަރުންނާއި ނަރުހުން، ފާމަސިސްޓުންނާއި ލެބޯޓަރީ ޓެކްނީޝަނުންގެ ތެރެއިން ރާއްޖޭގައި މަސައްކަތް ކުރާ ބޭފުޅުންނާއި އަދި ރާއްޖެއިން ބޭރުގައި އިންސާނިއްޔަތަށް މަސައްކަތް ކުރަމުންދާ ބޭފުޅުންގެ ތެރެއިން އެއްވެސް މިންވަރެއްގެ ފައިސާއެއް ނުދެއްކި އޮތްނަމަ އެ ފައިސާއެއް މާފުކޮށްދެއްވާ ކަމަށެވެ.