އީރާނަށް އަޅަފައިވާ ދަތި ކުރިމުގެ ފިޔަވަޅުތަކުގެ ދަށުން ދުނިޔޭގެ ބޭންކު ތަކުގައި ހިފަހައްޓާފައިވާ އެގައުމުގެ ފައިސާގެ ތެރެއިން ސައުތު ކޮރެއާ އިން ދޫކުރާ ފައިސާ އަށް ގަނަނާނީ ކޮންމެހެން ބޭނުންވާ ޒަރޫރީ ތަކެތި ކަމުގައި އީރާނުން ބުނެފި އެވެ.

އީރާނުގެ ޖަލުގައި ތިބި އެމެރިކާގެ ހަތަރު ކުށްވެރިން ދޫ ކޮށްލުމަށް ހެދި ޑީލެއްގެ ދަށުން ސައުތު ކޮރެއާގައި ގަނޑު ކޮށްފައި ހުރި އީރާނުގެ ފައިސާ ވަނީ ދޫކޮށްލަން ނިންމާފަ އެވެ.

އީރާނުގެ ސެންޓްރަލް ބޭންކުގެ ވެރިޔާ މުހައްމަދު ރިޒާ ފަރުޒީން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނަކީ ސައުތު ކޮރެއާގައި ހުރި އެގައުމުގެ ފަންޑު ދުކުރުމުގައި އެމެރިކާ އިން ކޮށްފައިވާ ޝަރުތުތަކަށް ބޯ ލަނބާނެތޯ ކުރެވުނު ސުވާލަކަށް ޖަވާބު ދޭން ނެރުއްވި ބަޔާނެކެވެ.

އެމެރިކާގެ ކުށްވެރިން ބަދަލުކުރުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ދޫކުރާ އީރާނުގެ ފައިސާ ޚަރަދު ކުރެވޭނެ ގޮތްތަކެއްގެ ޝަރުތު އެމެރިކާ އިން ވަނީ ކަނޑައަޅާފަ އެވެ. އެމެރިކާއިން އީރާނަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ދަށުން އީރާނުގެ ފައިސާ ހަމަ އެކަނި ޚަރަދު ކުރެވޭނީ އެގައުމަށް ކަނޑައަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުގެ ދަށުން ގަތުން މަނާ ނޫން ބާވަތްތަކުގެ ތަކެތި ގަތުމަށެވެ.

އިރާނުގެ ޖަލުގައި ތިބި އެމެރިކާގެ ފަސް ކުށްވެރިން މިވަގުތު ވަނީ ގެއަށް ބަދަލު ކޮށްފަ އެވެ. ސައުތު ކޮރެއާގައި ގަނޑުކޮށްފައި ހުރި އީރާނުގެ ފައިސާ ދޫކޮށްލުމާއެކު އެމީހުން އެމެރިކާއަށް ބަދަލު ކުރެވޭނެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ފަރުޒީން ލިއުއްވި ޕޯސްޓުގައިވާ ގޮތުން ސައުތު ކޮރެއާގައި ހުރި ފައިސާ ފުރަތަމަ ޖަމާވާނީ ގަތަރުގައި ހުރި އީރާނުގެ ހަތަރު ބޭނަކަކަށެވެ. ސައުތު ކޮރެއާގެ ފައިސާ ޔޫރޯއަށް ބަދަލުކޮށް، މަނީ ޓްރާންސްފާކުރުމުގެ ކަންތައްތަކުގައި އެހީ ވެދޭ ފަރާތުގެ ފީ ފަދަ ކަންތައް މިހާރު ހަމަ ޖެހިފައިވާ ކަމަށް އީރާނުން ބުނެ އެވެ.

ނިއުކުލިއާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ބުނެ އެމެރިކާ އިސްވެ އޮވެ އީރާނަށް އަޅައިފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ދުނިޔޭގެ އެކި ގައުމުތަކުގެ ބޭންކުތަކުގައި ހުރި އެގައުމުގަ ފައިސާ ވަނީ ބޭނުން ނުކުރެވޭ ގޮތަށް ހިފަހައްޓާފަ އެވެ.