ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބައެއް ރަށްރަށަށް އުދައިގެ އަސަރު ކޮށްފާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު އުދަ އަރާނެ ކަމަށް ލަފާކޮށްފައި ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގަ އެވެ.

މިއަދު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ރާޅުގެ އުސްމިން އަށް ފޫޓަށް އުފުލިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށް ވެސް ލަފާ ކޮށްފައި ވެއެވެ.

އުތުރުގެ ރަށްތަކަށް ދިޔަވަރު ބޮޑުވާނީ މެންދުރު 12:00 އާ 1:00 ދެމެދުގެ ވަގުތެއްގަ އެވެ. މެދު ރާއްޖެ ތެރެއަށް ދިޔަވަރު ބޮޑުވާނީ މެންދުރު 1:00 އާ 2:00 ދޭތެރޭގަ އެވެ.

ރާއްޖޭގެ މިއަދުގެ މޫސުމަށް ބަލާއިރު އާއްމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް މޫސުމާ އިދާރާއިން ބުނެ އެވެ.