ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަކީ ޖަމިއްޔަތުއް ސަލަފްގެ ކެންޑިޑޭޓެއް ކަމަށް އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރައީސްގެ ކެމްޕޭން ސްޕޯކްސްޕާސަންގެ ހައިސިއްޔަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ މުއިއްޒުއާ ސަލަފް ޖަމިއްޔާއާ ގާތް ގުޅުމެއް އޮންނަކަން ފެންނަ ކަމަށާއި ސަލަފްގެ ބޭފުޅުން ޑރ. މުއިއްޒު އަށް ތާއީދު ކުރައްވަމުންގެންދަވާ ކަމަށެވެ.

އިންތިހާބު ބޮއިކޮޓް ކުރަން ޕީޕީއެމްގެ ރައީސް ޔާމީން އަންގަވާފައިވީ ނަމަވެސް އެކަމަށް އަމަލުކޮށްފައިނުވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން އެހެން ކެންޑިޑޭޓެއް ނެރެން ބުނި ހިސާބުން ޑރ. މުއިއްޒު ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރަކަށް ހުންނަވާފައި ޓިކެޓްގެ ބޭނުމުގައި ޕާޓީ ބަދަލުކުރެއްވި ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ސަލަފުގެ ފަހަރަކު ބޭފުޅަކު އެގެންދަވަނީ މުއިއްޒު އެންޑޯޒް ކުރައްވަމުން، އެހެންވީމާ އެގޮތަށް ފެންނަ ހެކިތަކަށް ބަލައި އަޅުގަނޑުމެން މި ދަންނަވަނީ ޕީއެންސީ ސަލަފުގެ ކެންޑިޑޭޓޭ ޑރ. މުއިއްޒު އަކީ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ އިތުރަށް ވިދާޅުވީ މުއިއްޒު ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަންނަވާއިރު އެރައްޔިތުން ބޭނުންވަނީ ކޮންކަމެއްކަން މުއިއްޒު އަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ކަންކަމަށް ވައިދުވެވަޑައިގަންނަވާއިރު އެކަންކަން ކުރާނެ ގޮތުގެ އެއްވެސް ޕްލޭނެއް އަދި ހިސާބެއް ވެސް ޖަހާފައި ނެތް ކަމަށް މާރިޔާ ވިދާޅުވި އެވެ.