އޭނާގެ ވެރިކަމެއްގައި ބޮޑު ޗުއްޓީ އަނބުރާ އަހަރުގެ ފަހުކޮޅަށް ބަދަލުކޮށްދެއްވާނެކަަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުން ކަންކަން ނިންމަނީ ރައްޔިތުން ބޭނުންވާ ގޮތް ވެސް ނުބަލާ ކަމަށެެވެ.

ސްކޫލްތަކުގެ ބޮޑުޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރުމަކީ ވެސް އެފަދައިން ކޮށްފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ބޮޑު ޗުއްޓީ ޖުލައި މަހުގެ ތެރެއަށް ބަދަލުކުރުމުން ދިމާވަނީ ހުޅަނގު މޫސުމުގެ އެންމެ މޫސުން ގޯސް ދުވަސްތަކާ ކަމަށްވާތީ އެ ޗުއްޓީގެ ބޭނުމެއް ނުހިފޭ ކަމަށެވެ.

އޭނާ ވިދާޅުވީ ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ލުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އަހަރުގެ މެދުތެރެއަށް ޗުއްޓީ ބަދަލުކުރުމުގެ ވިސްނުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ބައެއް މީހުންނަށް އަހަރުގެ ފަހުކޮޅު ސީޒަން ތެރެއާ ދިމާވާތީ ނިންމި ނިންމުމެކެވެ. ނަމަވެސް މޫސުން ގޯސްވުމުން އެ ދުވަސްވަރު އެ މީހުންނަށް ވެސް ދަތުރުނުކުރެވޭ ކަން މުއިއްޒު ފާހަގަކުރެއްވި އެވެ.

އަހަރުގެ މެދުތެރެއަށް ބޮޑު ޗުއްޓީ ހަމަޖައްސައި ސުކޫލުތަކުގެ ދިރާސީ އަހަރު ފެށުން މީލާދީ އަހަރުގެ މެދުތެރެއަށް ބަދަލުކޮށްފައިވަނީ 2021 ވަނަ އަހަރު އެވެ.