ކުރިން ހުޅުމާލޭގައި ޔޮޓްމެރީނާ އާއި ކްރޫޒް ޓާމިނަލް ހަދަން ކުރިން ކަނޑެޅި ސަރަހައްދުން މާލޭ މީހުންނަށް ހިލޭ ގޯތި ބަހަން، ހުޅުމާލޭ ފަޅު ހިއްކަން ފަށަން އެޗްޑީސީން ތައްޔާރުވެއްޖެ އެވެ.

ހުޅުމާލޭގެ ފޭސް 3ގެ ނަމުގައި އަންނަ މަހު ބިން ހިއްކަން ފަށަން ވަނީ ނިންމައި، އެ މަޝްރޫއުގެ ކޮންޓްރެކްޓަރަކަށް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުނި ވެސް ކަނޑައަޅައިފަ އެވެ.

މިހާރު އެ މަސައްކަތް ފަށަން އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.

އެކަމާ ގުޅޭ ގޮތުން އެޗްޑީސީގެ ބަހެއް ލިބޭ ގޮތެއްނުވި އެވެ. ނަމަވެސް އެޗްޑީސީން މިއަދު ވަނީ ފޭސް 3 އަކަށް ބޭނުންވާ ބިން ހިއްކަން ބޭނުންވާތީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތަކާއި އަޑިއަށް ގޮސްފައިވާ އުޅަނދުފަހަރުތައް އެ ސަރަހައްދުން ނެގުމަށް އިއުލާންކޮށްފަ އެވެ. އުޅަނދުތައް ނަގަން އެ ކުންފުނިން ދިނީ މިއަދުން ފެށިގެން 10 ދުވަހެވެ.

ހުޅުމާލެއިން އިތުރަށް ހިއްކަން ނިންމާފައި ވަނީ ހުޅުމާލޭގެ ދެ ފޭސް ގުޅުވާލާ ބްރިޖުތައް ހުންނަ ޓަނަލުގެ ހުޅަނގު އުތުރުކޮޅަށް ނިމޭ ހިސާބުން ފެށިގެން އުތުރަށް އޮތް މުޅި ފަޅެވެ. އޭރުން މުޅި ފަރުކޮޅުފުށި ވެސް ދާނީ ހިއްކާ ހިސާބުގެ ތެރެއަށެވެ.

އެ މުއްދަތުގެ ތެރޭގައި އުޅަނދުތައް ނުނަގައިފި ނަމަ ތިލަފުއްޓާއި ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްފައިވާ އުޅަނދުފަހަރާއި ތަކެއްޗާ މެދު އަމަލުކުރާ އުސޫލުގެ ދަށުން އަމަލު ކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މި ސަރުކާރުން މާލޭގެ 19،000 އަށް ވުރެ ގިނަ މީހުންނަށް ގޯތި ދޭން ނިންމާފައިވާއިރު، އޭގެ ތެރޭގައި ހުޅުމާލޭގެ ތިން ވަނަ ފިޔަވަހިން ހިއްކާ ބައިން ދޫކުރާ ގޯތިތަކެއް ވެސް ހިމެނެ އެވެ. އެނގިފައިވާ ގޮތުގައި އެއީ 1،400 ގޯއްޗެވެ.

ހުޅުމާލެ ހިއްކަން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ 1997 ގަ އެވެ. އޭރު ފުރަތަމަ ފިޔަވަހި ހިއްކުމަށް ފަހު، ދެވަނަ ފިޔަވަހި ހިއްކީ އެ މަނިކުފާނުގެ ކޮއްކޯފުޅު ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު އެވެ.