މި ސަރުކާރުން މާލެއިން ގޯތި ދިން އެންމެނަށް ގެ އަޅައިދޭނެ ކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒުގެ މެނިފެސްޓޯ ލޯންޗްކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރެއިން، އެކަމަށް އެދޭ މީހުންނަށް ގެދޮރު އަޅައިދީ، އެއްކޮށް ނިންމުމަށް ފަހު، ދިނުމަށް މަގުފަހި ކޮށްދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ގޯތި އަޅައިދޭނީ ސަރުކާރުގެ ހާއްސަ ފަންޑެއްގެ ދަށުން ކަމަށެވެ.

މިސަރުކާރުން ގޯތި ދިން އެއްވެސް މީހަކު އަތުން ގޯތި އަތުލުމަކީ ގެންގުޅުއްވާނެ ސިޔާސަތެއް ނޫން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒުގެ ގެދޮރުވެރިކަމުގެ ސިޔާސަތު އިފްތިތާހު ކުރުން: ފޮޓޯ: ޕީޕީއެމް

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޭނެ ސަރަހައްދުތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ބިންވެރިޔާ ސްކީމަށް ހުޅުވާލުމުން 23000 އަށްވުރެ ގިނަ މީހުން ފޯމު ހުށައެޅިއިރު، ޝަރުތު ހަމަވާ ދާއިމީ ލިސްޓްގައި 19،639 މީހުން ގޯއްޗަށް ޝަރުތު ހަމަވާވާކަމަށް ވަނީ ކަނޑައަޅައިފަ އެވެ. މީގެތެރިން މި ދައުރުގައި 18955 މީހުންނަށް ގޯތި ދޭނެ އެވެ. ފުރަތަމަ ގުރުއަތުލުން ކުރިއަށްގެންދަނީ މި 18،955 މީހުންގެ އެވެ.