އިންޑިއާ އިން ހަނދަށް ފޮނުވާލި "ޗަންދްރިޔާން 3" މާދަމާގެ ވަގުތެއްގައި ހަނދުގެ ދެކުނު ބިތަށް ތިރި ކުރާނެ ކަމަށް އެ ގައުމުގެ ޖައްވީ އިދާރާ، އިސްރޯ އިން ބުނެފި އެވެ.

ރަޝިއާގެ ލޫނާ 25 އުދުއްސާލުމާއެކު އިންޑިއާ އާ ދެގައުމުގެ މެދުގައި ފެށުނު ސްޕޭސް ރޭހެއްގެ ގޮތުގައި ބެލެމުން ދިޔަ ދަތުރު ނިމުމަކަށް އައީ، ހޮނިހިރު ދުވަހު ރަޝިޔާ އިން އެގައުމުގެ އުޅަނދު ހަދުގެ އޯބިޓުގައި ހަނދަށް ތިރިކުރުމުގެ ކުރިން ކުރަން ޖެހޭ ބައެއް ކަންތަކަށް މައްސަލައެއް ދިމާވި ކަމަށް އިއުލާން ކުރި ހިސާބުންނެވެ.

ރަޝިއާއިން މަސައްކަތް ކުރަމުން އައީ އެގައުމުން ޗައިނާ އާ ގުޅިގެން ހަނދުގައި ހަދަން ގަސްދު ކޮށްފައިވާ ސްޓޭޝަން ހެދުމަށްޓަކައި ހަނދުގެ ދެކުނު ބިތުގެ ބިންގަނޑު ތަހުލީލުކޮށް މައުލޫމާތު ހޯދުމެވެ.

އިންޑިއާއިން އިއްޔެ އިއުލާންކުރި ގޮތުގައި އެ ގައުމުގެ ހަނަދަށް ތިރިކުރުމަށް ބޭނުން ކުރާ ލޭންޑާ ވިކްރަމް ގެންދަނީ ހަނދުގެ ދެކުނު ބިތަށް ތިރިކުރަން ބޭނުންވާ ހިސާބު ދިރާސާ ކުރަމުންނެވެ. އެހިސާބުގެ ބިންގަނޑު އޮތް ގޮތް ބަލައި ޖައްސަން ހުރި ހުރަސްތައް ދެނެގަނެ، އެންމެ އެކަށޭނަ ދިމާ ފާހަގަކުރުމުގެ މަސައްކަތުގައި އެ އުޅަނދު އަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ކަމަށް އިސްރޯގެ ބަޔާނުގައިވެ އެވެ.

އިންޑިއާގެ ހަނދުގެ މިޝަނުގެ މައިގަނޑު ބޭނުމަކީ ހަނދުގެ ދެކުނު ފަރާތަށް އުޅަނދެއް ކާމިޔާބުކަމާ އެކު ތިރިކުރުމެވެ. އެ މަސައްކަތް މީގެ ކުރިން އެ ގައުމަށް ވަނީ ނާކާމިޔާބުވެފަ އެވެ. މިފަހަރުގެ ދަތުރުގައި ހަނދަށް ޖައްސާ އުޅަނދު ވިކްރަމް އާއެކު ޕްރަގްޔާން ގެ ނަމުން ނަން ދީފައިވާ ރޯވަ އެއްވެސް ގެންދެ އެވެ.

ޕްލޭނާ އެއްގޮތަށް ކަންތައް ގޮސްފި ނަމަ އެ ރޯވާއިން ހަނދުގެ މާހައުލާ ބެހޭ މައުލޫމާތު ގިނަ ދުވަސްތަކެއް ވަންދެން ބިމަށް ފޮނުވާނެ އެވެ.