ތުއްތު ދަރިފުޅު ހެދިބޮޑުވާއިރު ޞިއްހަތު ރަނގަޅު ކުއްޖަކަށް ހެދުމަށްޓަކައި ދަރިފުޅުގެ ކެއިންބުއިމުގެ ކަންކަމަކީ ބެލެނިވެރިން އެންމެ ބޮޑަށް ވިސްނާ އެއް ކަމެވެ. މިކަމަށްޓަކައި ގިނަ ބެލެނިވެރިނަށް ކުރެވޭ ކަމަކަކީ ގަދަކަމުން ނަމަވެސް ދަރިފުޅަށް ގިނައިން ކާން ދިނުމެވެ. އެހެން ނަމަވެސް މިގޮތަށް ކާން ދިނުމަކީ ދިގު މުއްދަތުގައި ކުއްޖާގެ ކެއިންބުއިމުގެ އާދަތަކަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ.
މިކަން ހައްލު ކުރުމަށްޓަކައި ކެއުމަށް ހާއްޞަ ގަޑިތަކެއް ކަނޑަ އަޅަން ޖެހޭނެ އެވެ. އަދި ކެއުމުގެ ގަޑިތަކުގައި ދެވޭ ކާނާއަކީ ސިއްހަތަށް ފައިދާ ކުރާ ކާނާކަމުގައި ވުން މުހިއްމެވެ. އާންމު ކެއުމުގެ ގަޑިތަކުގެ އިތުރުން އެހެނިހެން ގަދިތަކުގައިވެސް (މިސާލަކަށް މެންދުރު ކެއުމާއި ރޭގަނޑު ކެއުމާއި ދެމެދުގައި) މޭވާއެއް ފަދަ ސިއްހަތަށް ފައިދާ ކުރާ ފަދަ ލުއިކާނާއެއް ދެވިދާނެ އެވެ.
އާންމުކޮށް ދަރިފުޅު ބަނޑުހައިވުމުން އެކުދިންނަށް އެކަން ދެނެގަންނަން އެނގޭނެ އެވެ. ބަނޑުހައިވުމުން އެކުދިން ކާނެކަން ޤަބޫލުކުރަން ޖެހެ އެވެ. އެހެންކަމުން ގަދަކަމުން ކާންދޭން އުޅޭކަށް ނުޖެހެ އެވެ. ހަމައެގޮތަށް އަލަށް އެއްޗެއް ކެއުމަށް ނުވަތަ ހިތިރަހަ ހުންނަ އެއްޗެއް ކެއުމަށް ދަރިފުޅު ދެކޮޅު ހެދުމަކީ އާންމު ކަމެކެވެ. އެހެން ނަމަވެސް ގަދަކަމުން އެ ކާންދޭން މަސައްކަތް ކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ.
ދަރިފުޅު ވަކި އެއްޗެއް ނުކާން އުޅުމުން އެކަން ބަލައިގަންނަންވާނެ އެވެ. އަދި ފަހުން އެހެން ވަގުތެއްގައި އެއެއްޗެއް އަލުން ކެއުމަށް ހުށަހެޅިދާނެ އެވެ. ނުވަތަ އެއެއްޗެއްގައި ހިމެނޭ މާއްދާތައް އެކުލެވޭ އެހެން ކާނާއެއް ދެވިދާނެ އެވެ. ތަފާތު ބާވަތްތަކުގެ ކާނާ ސުފުރާގައި ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކެއުމުގެ ގަޑިތަކުގައި ދަރިފުޅަށް ވަކިން ކާންދިނުމުގެ ބަދަލުގައި އާއިލާގެ އެންމެން އެކުގައި ކެއުމަކީ ވެސް ރަނގަޅު ކަމެވެ. އަދި ކެއުމަށް ތައްޔާރު ކުރާ ތަކެތީގެ ތެރޭގައި ތަފާތު ވައްތަރުގެ ކާނާ ހިމެނުން ވަރަށް ރަނގަޅެވެ. ކެއުމުގެ ވަގުތުގައި ދަރިފުޅު ވަކި ވައްތަރެއްގެ ކާނާ ކެއުމަށް ބާރު އެޅުމުގެ ބަދަލުގައި ޞިއްހަތަށް ފައިދާ ކުރާ ކާނާ ކެއުމަށް ނަމޫނާ ދެއްކުން މުހިއްމެވެ. މިގޮތުގެ މަތިން ކެއުމަށް ދަރިންގެ ހިތްޖެހި ގަދަކަމުން ކާންދިނުން ނިމުމަކަށް އަންނާނެ އެވެ.
ދަރިފުޅު އަމިއްލައަށް ކެއުމަށް ދޫކޮށްލުމަކީވެސް އެކުދިން ކެއުމަށް ބާރު އެޅޭނެ ކަމެކެވެ. ސަމުސަލުން ކެއުމުގެ ބަދަލުގައި އަމިއްލަ އަތުން ކެއުމަށް އެކުދިން ބޭނުންވާނަމަ އެގޮތަށް ދޫކޮށްލުން ރަނގަޅެވެ. އޭގެސަބަބުން ކެއުމުގެ ވަގުތު އެކުދިންނަށް ވެގެން ދާނީ ހިތްހަމަޖެހޭ އުފާވެރި ވަގުތަކަށެވެ.
ގަދަ ކަމުން ކާން ދިނުމަކީ ކެއުމުގެ މަތިން ފޫހިވެ ހަޖަމު ކުރުމުގެ މައްސަލަތައް ވެސް ކުޑަ ކުދިންނަށް ދިމާވާ ކަމެއް ކަމުން އެކަމާ ދުރުވާން ޖެހެ އެވެ.