މި ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންނާ އެކު، އެއްބަސްވުމުގައި ސޮއިކޮށް ލިޔުން ހަވާލުކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގޯއްޗާއި ހަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގޯތި ލިބޭ މީހުން ހާޒިރުވާނެ ދުވަހާއި ގަޑި އެ މިނިސްޓްރީން އަންގަމުން ގެންދާނެ ކަމަށެވެ.

ގޯތި ލިބޭ ފޯމުގައި ހިމެނޭ ގޯތި ލިބޭ މީހުން ގޯއްޗާ ހަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބަދަލުގައި އެހެން މީހެއް އައްޔަނުކުރާނަމަ "ގެދޮރުވެރިން ޕޯޓަލް" ގައި އެޓޭޗްކޮށްފައިވާ ޕަވާ އޮފް އެޓާނީ ފުރިހަމަކޮށް ނޮޓޮރައިޒްކޮށް، ގޯއްޗާ ހަވާލުވުމަށާއި ގޯތި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފޮނުވާ މީހާ ހަވާލުކުރަންވާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ގޯއްޗާއި ހަވާލުވުމަށާއި ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން އަންނަ މީހުން ގޯތި ލިބޭ މީހުންގެ އައިޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ސޮއި ކުރަން އަންނަ މީހެއްނަމަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އައްޔަނުކޮށްފައިވާ ޕަވާ އޮފް އެޓާނީގެ އަސްލާއި، އައިޑީ ކާޑުގެ ކޮޕީ ހިފައިގެން އައުމަށް ޕްލޭނިން މިނިސްޓްރީން ވަނީ އެދިފަ އެވެ.މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން 19،639 މީހުންނަށް ގޯތި ލިބުނެ އެވެ. އެއީ 9000 އަށް ވުރެ ގިނަ ބިމެވެ

މި ޕްރޮޖެކްޓްގައި ހުޅުމާލެއިން 1،351 ބިން، ގުޅިފަޅުން 2،218 ބިން އަދި ގިރާވަރު ފަޅުން 5،432 ބިން ދީފައިވެ އެވެ. އެއީ ޖުމްލަ 9،001 ގޯއްޗެވެ.