ކެއްކުމުގައި ބޭނުންކުރެވޭ ބައެއް ބާވަތްތަކަކީ އޭގެ މައިގަނޑު ބޭނުން ނޫން ތަފާތު ގިނަ ބޭނުންތަކެއް ވެސް ކުރެވޭ ބާވަތްތަކެކެވެ. އެގޮތުން ބޭކިން ސޯޑާއަކީ ކެއްކުމުގެ އިތުރުން އެ ބޭނުން ކޮށްގެން ކުރެވޭ ބޭނުންތައް ގިނަ އެއްޗެކެވެ. ހާއްސަކޮށް ހަންގަނޑާއި ހަށިގަނޑުގެ ރީތި ކަމަށް އެއިން ކުރެވޭ ބޭނުންތަކަކީ ފާހަގަ ކުރެވޭ ބޭނުންތަކެކެވެ.

އިސްތަށިގަނޑު ރީތިކޮށްދޭ

ބޮލުގައި އުފެދޭ ތެލާއި ހަނޮފޮޅުން ފަދަ ކަންކަމުން ދުރުވެ އިސްތަށިގަނޑު ރީތިކުރުމަށް ބޯ ދޮންނައިރު މޭޒުމަތީ ސަމްސަލެއްގެ ¼ ބައި ބޭކިންގް ސޯޑާ ޝޭމްޕޫއާއި އެއްކުރުމަށްފަހު ބޯދޮވެލާށެވެ. މިގޮތަށް ބޯދޮވުމުން އިސްތަށިގަނޑު ގޮތްގޮތަށް ބެހެއްޓުމަށް ބޮލުގައި އުނގުޅާ ކްރީމް އާއި ޖެލް ފަދަތަކެތި ފަސޭހަކަމާއިއެކު ފިލުވުމަށް ވެސް އެހީތެރިވެދެ އެވެ.

ހަންގަނޑު އޮމާން ކޮށްދޭ

ހަންގަނޑު އޮމާންކޮށް ޒުވާންކަންމަތީ ބަހައްޓައިދޭ ބޮޑީ ސްކްރަބް ނުވަތަ ޕޭސްޓް ތައްޔާރުކުރުމަށް އޯޓްމީލް، ބޭކިން ސޯޑާއާއި ފެން (އެމީހަކު ޕޭސްޓް ހެދުމަށް ބޭނުން ވާވަރަށް) އެއްކޮށްލުމަށް ފަހު ޕޭސްޓް މުޅި ގައިގައި މަޑުމަޑުން އުނގުޅާލާފައި ދޮވެލާށެވެ. ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް އަދި މަރުވެފައިވާ ސެލްތައް ނައްތާލުމަށް ޕޭސްޓް އުނގުޅާ އިރު އިނގިލިތަކުގެކުރިން ވަށްބުރަކަށް ވާގޮތަށް އުނގުޅާށެވެ.

ނިޔަފަތިތައް ރީތިކޮށްދޭ

ނިޔަފަތި ތަކުގައި ކުޑަ ފިހިކޮޅަކުން ބޭކިން ސޮޑާ އުނގުޅާށެވެ. އެޔަށްފަހު ދެން ފެނަށް ބޭކިން ސޯޑާ އެއްކޮށްލުމަށް ފަހު ނިޔަފަތިތަކުގައި މަޑުމަޑުން މިފެން ލުމަށްފަހު ދޮވެލާށެވެ.

މޫނުގެ ބިހިތަކާއި ލަކުނުތައް ފިލުވައިދޭ

ބޭކިން ސޯޑާއާއި ފެންފޮދެއް އެއްކޮށްލުމަށްފަހު މޫނުގައި ހުންނަ ބިހިތަކާއި ލަކުނުތަކުގައި އުނގުޅާލާށެވެ. މިގޮތަށް ގަވާއިދުން ކަންތައް ކުރާނަމަ މާ ލަހެއް ނުވެ އޭގެ އެދެވޭ ނަތީޖާ ފެންނާނެ އެވެ.