ގާނޫނަށް ބަދަލުގެނެސް ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ޔާމީންގެ ސަރުކާރުން ބިލިއަނަކަށް ވުރެ ގިނަ އަދަދެއްގެ ފައިސާގެ އަގުހުރި މަޝްރޫއުތައް އެރަށުގައި ފެށި ކަމަށެވެ. އަދި މި ސަރުކާރަށް އެވަރުގެ މަޝްރޫއުތައް އެރަށުގައި ހިންގިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނުގައި މި އޮންނަ 10000 އާބާދީ. 10000 މީހުން ކޮންމެހެން ހަމަވުމަކީ އެ ތަނުގައި ސިޓީއަކަށް ބޭނުންވގާ ޚިދުމަތްތަކާއި ވަސީލަތްތަކާ އިންފްރާސްޓްރަކްޗާ ގާއިމުވެފައި ހުރެއްޖިއްޔާ ލާޒިމުކަމަކަށް ވާން ނުޖެހޭކަމުގައި އަޅުގަނޑު ގަބޫލުކުރަނީ،" މުއިއްޒު ވިދާޅުވިއެވެ.
އޭނާއަށް އިތުބާރުކޮށް ރައްޔިތުން ފުރުސަތު ދީފިނަމަ، ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ތިނަދޫއަކީ ސިޓީއެއްްގެ ގޮތުގައި ހަމަޖައްސަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ގަބޫލުކުރައްވާގޮތުގައި 8000 މީހުން ހަމަވާނަމަ އެރަށަކަށް ސިޓީއެއްގެ ދަރަޖަ ދޭންޖެހެ އެވެ.
ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް މީގެކުރިން އެރަށު ކައުންސިލުން ވެސް ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް ގާނޫނުގައި ބުނާ އަދަދަށް އާބާދީ ހަމަނުވާތީ ވަނީ އެކަން ކުރެވިފަ އެވެ.