އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭ ކޮރަޕްޝަންގެ 20 މައްސަލައެއް މިހާތަނަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށައަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އިންތިޚާބާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަން ޖެހޭނީ އޭސީސީއަށެވެ.

އެ ކޮމިޝަނުން ބުނީ އިންތިޚާބާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަ ހުށައެޅުމަށް ހުޅުވާލުމުން މިހާތަނަށް ހުށައެޅި 20 މައްސަލާގެ ތެރޭގައި ހިމެނެނީ ރަޖިސްޓްރީ ކުރެވޭވަރުގެ 4 މައްސަލައެއް ކަމަށެވެ. އަދި 14 މައްސަލައެއް ބަލައި ނުގަންނަ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އެ ކޮމިޝަނުން ބަލައިގަން 4 މައްސަލައިގެ ތެރޭގައި، ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުމާ ގުޅޭ 1 މައްސަލަ ހިމެނޭ ކަމަށް އޭސީސީން ބުނެ އެވެ. އަދި ބާކީ 3 މައްސަލަ މިހާރު ތަހުގީގު ކުރިއަށް ދާތީ އެކަމުގެ ތަފްސީލް އޭސީސީން ހާމަނުކުރެ އެވެ.

އިންތިޚާބުތަކާ ބެހޭ ޢާންމު ގާނޫނުގައި ބަޔާންކޮށްފައިވާ އިންތިޚާބީ ރިޝްވަތުގެ ކުށެއް ކުރާ ނަމަ އެ މައްސަލަ ހުށައެޅުމަށް އޭސީސީން ވަނީ އެކަމަށް ޚާއްސަ ޕޯޓަލްއެއް ގާއިމްކޮށްފަ އެވެ.

އޭސީސީން ބުނީ މިހާތަނަށް ކޮރަޕްޝަނާ ގުޅުހުން ހުރި މައްސަލަތައް ހުށައަޅާފައި ވަނީ މި ޕޯޓަލްއާއި އެހެނިހެން ގޮތްގޮތަށް ކަމަށެވެ. މި ޕޯޓަލަށް ވަނުމުން އިންތިޚާބީ ރިޝްވަތަކީ ކޮބައިކަމާއި އެއަށް ސަމާލުވާނެ ގޮތުގެ މައުލޫމާތު ހިމަނައިގެން އޭސީސީން ތައްޔާރު ކޮށްފައިވާ ލުއިފޮތް ވެސް ބަލައިލެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މިޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ސިއްރުކޮށްދެވޭ ގޮތަށް އިންތިޒާމުކުރެވިފައިވީ ނަމަވެސް މައްސަލައިގެ އަޕްޑޭޓް ފޯރުކޮށްދެވޭނީ ކާކުކަން އެނގޭ ގޮތަށް މައްސަލަ ހުށަހަޅާ ފަރާތްތަށް ކަމަށް އޭސީސީން ބުނެ އެވެ.