ވަރުގަދަ އެކްޝަން ފިލްމަކަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް މިކްސްޑް މާޝަލް އާޓްސް (އެމްއެމްއޭ) ޓްރެއިނިން ހަދަން ފަށައިފި އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މާޝަލް އާޓްސްގެ ތިން މަސް ދުވަހުގެ ޓްރެއިނިނެއް އާލިއާ ހަދަމުން އަންނަނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސްގެ ވަރުގަދަ އެކްޝަން ތުރިލާއަކަށެވެ.

އެހެންނަމަވެސް އާލިއާ ފެނިގެންދާ މިފިލްމާ ބެހޭ ގޮތުން މާ ބޮޑު ތަފްސީލެއް ހާމަކޮށްފައިނުވެ އެވެ. އަދި ފިލްމުގެ ނަންވެސް އިއުލާނެއް ނުކުރެ އެވެ.

މި ފިލްމަކީ މަޝްހޫރު އެކްޓަރުން ކަމަށްވާ ސަލްމާން ޚާނާއި ޝާހްރުކް ޚާންގެ އިތުރުން ރިތިކް ރޯޝަން ހިމަނައިގެން ވައިއާރްއެފުން ގެނެސްދޭން ފަށާފައި އޮތް އެ ސްޓޫޑިއޯގެ ސްޕައި ޔުނިވާސް އަށް ހަދާ ފުރަތަމަ ބަތަލާއިން ލީޑްކުރާ ފިލްމެވެ.

އާލިއާ ފިލްމަށް ތައްޔާރުވުމުގެ ގޮތުން މާޝަލް އާޓްސްގެ ވަރުގަދަ ޓްރެއިނިންތަކެއް ހެދުމަށް ފަހު، ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފަށަން ޕްލޭންކޮށްފައިވެ އެވެ.

މި ފިލްމު ވާނީ މި އަހަރު މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ކަށަވަރުކުރި އާލިއާ، 30، ވައިއާރްއެފަށް ކުޅޭ ފުރަތަމަ ފިލްމަށެވެ. އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުންގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 11 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި ހޮލީވުޑްގެ ސްޕައި އެކްޝަން ތުރިލާ "ހާޓް އޮފް ސްޓޯން" އެވެ.