ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މަގާމަށްޓަކައި ކުރައްވައިވާ މަސައްކަތް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ މިރޭ ކިޔައިދެއްވައިފި. އިމްރާން ވިދާޅުވީ ހައުސިން މިނިސްޓަރުކަމުގެ މަގާމު މުއިއްޒު އެންމެ ފުރަތަމަ ހޯއްދެވީ އޭނާގެ އަރިހުގައި ރޮއި އާދޭސް ކޮށްގެން ކަަމަށެވެ. އޭގެ ފަހުން އެމްޑީއޭ އަށް ބަދަލުވީ ވެސް މަގާމަށްޓަކައި ކަމަށް ވިދާޅުވި. އަދި މުއިއްޒުގެ ހިތުގެ އަޑިން ކިޔާލަ ކިޔާލަ ހުރީ ޔާމީން ޖަލުގައި ލައްވާނދޭ ކަމަށް އިމްރާން ވިދާޅުވި.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މަގާމަށްޓަކައި ކުރައްވާފައިވާ ހީލަތްތެރި އަމަލުތައް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ މިރޭ ބަޔާން ކޮށްދެއްވައިފި އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި މާލޭގެ ޕްލޭން އާއްމުކުރުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ބިޔަ ޖަލްސާގައި ދެއްކެވި ވާހަކަ ނިންމާލުމުގެ ގޮތުން އިމްރާން ވިދާޅުވީ މުއިއްޒުގެ ސިޔާސީ ވަރަ ފެޅީ އަދާލަތު ޕާޓީގެ ހާލީގައި އޮވެ ކައިބޮއިގެން ކަމަށެވެ.

"އެދުވަސްވަރު ޕާޓީން ކުރަމުން ދިޔަ ހުރިހާ ކަމަކަށް މުއިއްޒު ގެންދެވީ ދެކޮޅި ހަދަމުން. އެހެން ނަމަވެސް 2012 ގައި ވެރިކަން ބަދަލުވެ މަގާމުތައް ބަހަން ޖެހުމުން، ކުޑަ ކުއްޖަކު މަންމަ ކައިރީގައި ރޮއި އާދޭސްކުރާ ގޮތަށް މުއިއްޒު ދިޔައީ އަޅުގަނޑު ކައިރީގައި ވަޒީފާ ހަމަޖައްސައިދޭން ރޮއި އާދޭސް ކުރަމުން. މުއިއްޒަށް ވަޒީފާ ދިނީ މަންމަގެ ލަގޮނޑިއަށް ކެތްނުވާ ފަދައިން އަޅުގަނޑުގެ ލަގޮނޑި އަށް ކެތް ނުކުރެވިގެން،" ރައީސް ނަޝީދުގެ ސަރުކާރު ފެބްރުއަރީ 2012 ގައި ވެއްޓި ދެން ގާއިމްކުރީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ސަރުކާރުގެ ހައުސިން މިިނިސްޓަރު ކަމަށް މުއިއްޒު އައްޔަން ކުރެއްވި ގޮތް އިމްރާން ބަޔާން ކޮށްދެއްވި އެވެ.

އިމްރާން ވިދާޅުވީ 2013 ގެ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީ ދިނީ އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ އަށް ކަމަށެވެ.

ކުޑަ ކުއްޖަކު މަންމަ ކައިރީގައި ރޮއި އާދޭސްކުރާ ގޮތަށް މުއިއްޒު ދިޔައީ އަޅުގަނޑު ކައިރީގައި ވަޒީފާ ހަމަޖައްސައިދޭން ރޮއި އާދޭސް ކުރަމުން. މުއިއްޒަށް ވަޒީފާ ދިނީ މަންމަގެ ލަގޮނޑިއަށް ކެތްނުވާ ފަދައިން އަޅުގަނޑުގެ ލަގޮނޑި އަށް ކެތް ނުކުރެވިގެން
އިމްރާން

"ސިޔާމް ކައިރީ ގޮނޑި އަޅައިގެން، ދޮރު ދޮށުން ނުތެދުވެ އާދޭސްކުރީ މަގާމު ދޭތޯ. ސިޔާމްގެ ލަގޮނޑި އަށް ކެތްނުކުރެވިގެން މަގާމު ދިނީ. އަޅުގަނޑުމެން (އަދާލަތު ޕާޓީ) ދޫކޮށްލާފައި ދިޔައީ ދޮންކަޅު ވެސް އަންގާނުލައި،" އަދާލަތުގައި ހުންނަވާފައި އެމްޑީއޭ އަށް މުއިއްޒު ބަދަލުވެވަޑައިގެންނެވި ގޮތް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ޔާމީން ސަރުކާރުގެ ބޮޑު މަގާމު ހޯދަން ޕީޕީއެމަށް މުއިއްޒު ބަދަލުވެވަޑައިގަތްކަން ސިޔާމަށް އެނގިވަޑައިގެންނެވީ ނޫހުން ކަމަށެވެ.

"މިފަދަ ގޮތަކަށް ގޮސް ދައުރު ނިމި ޔާމީން ޖަލަށް ވަންނަން ޖެހުނީ. މުއިއްޒު ހިތުގެ އަޑިން ކިޔާލަ ކިޔާލަ ހުރީ ޔާމީން ޖަލުގައި ލައްވާނދޭ. ކޯޓަށް ގޮސް ވެސް ހިތުގައި އޮތީ ގާޒީން ހުކުމްކުރައްވާނދޭ މީނާ ޖަލުގައި އޮވޭތޯ. ގާޒީން ހުކުމްކޮށްފި ޔާމީން ޖަލުގައި ބޭއްވުމަށް. މުއިއްޒު އުފަލުން ހެޔެއް ނެތް. (ރިޔާސީ) ޓިކެޓުގެ ކަންތައް ދިޔަ ގޮތުން އެބޭފުޅުން ވިދާޅުވަނީ ޓިކެޓް ނެގީ ވަގަށޭ. ވަގަށް ޓިކެޓް ނެގި މީހަކު ރައީސް ކަމަށް ހެޔޮވާނެތޯ؟" އިމްރާން ސުވާލު ކުރެއްވި އެވެ.

އިމްރާން ވިދާޅުވީ މުއިއްޒު ވެރިކަމަށް ހޮވިއްޖެ ނަމަ ޔާމީން އޮންނާނީ ޖަލުގައި ކަމަށެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓް މުއިއްޒު ހޯއްދެވީ ޕީޕީއެމްގެ ނައިބް ރައީސްގެ މަގާމުގައި ހުންނަވާފައި އެ ޕާޓީ ދޫކުރައްވައި، އެ ދުވަހުން އެ ދުވަހަށް ޕާޓީ ބަދަލު ކުރެއްވުމަށް ފަހު އެވެ.