މާލޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި އަނިޔާވި ގައުމީ ޔުނިވާސިޓީ ލެކްޗަރާ އަލީ ހަފީޒު ފަރުވާއަށް ފަހު އެނބުރި މާލެ އަތުވެއްޖެ އެވެ.

މިދިޔަ ބޮޑު އީދު ދުވަހުގެ ފަތިހު މަޖީދީ މަގުން ހިނގާފައި ދަނިކޮށް ހަފީޒް އެކްސިޑެންޓްވެ، ސީރިއަސް އަނިޔާތަކެއް ވަނީ ވެފަ އެވެ.

ހަފީޒު މިދިޔަ ޖުލައި މަހުގެ ކުރީކޮޅު ވަނީ ފަރުވާ އަށް އިންޑިއާއަށް ގެންދިޔަ އެވެ. ހަފީޒު ފުރުވާލީ އާއްމުންނާއި ސަރުކާރުގެ ހަރަދުގައި، އެއާ އެމްބިއުލާންސެއްގަ އެވެ.

ހަފީޒު އެނބުރި ރާއްޖެ އައިއިރު ހާލު ވަރަށް ބޮޑަށް ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ. ހަފީޒްއަކީ ތައުލީމީ ދާއިރާގައި 18 އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ހަފީޒް ގައިގައި ސައިކަލުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ޒުވާނާ މިދިޔަ މަހުގެ ކުރީކޮޅު ވަނީ ދޫކޮށްލައިފަ އެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ޒުވާނެކެވެ. އެ ޒުވާނާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސެންސް ވެސް ނެތްއިރު، އޭނާ އަކީ ހައްޔަރު އަދި ބަންދު ލޮގުގެ ރެކޯޑު އޮތް މީހެކެވެ.

އެ ޒުވާނާ ދޫކޮށްލީ ކޯޓަށް ގެންދިޔުމުން ޝަރުތުތަކެއް ކުރުމަށްފަހު އެވެ. އޭނާ ބަންދުން ދޫކޮށްލީ ދެ ފަހަރެއްގެ މަތިން ބަންދު މުއްދަތު ޖެހުމަށްފަހު އެވެ.