ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ކޮންޓެއިނާ ޕާކުގެ "ކޯ ވޯކިން ސްޕޭސް" ހުޅުވައިފި އެވެ.

ކޮންޓެއިނާ ޕާކު ތަރައްގީކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓްރީ އާއި އާބަންކޯ އާ ގުޅިގެންނެވެ.

ކޯ ވޯކިން ސްޕޭސްއެއް ތަރައްގީ ކުރުމުގެ މައިގަނޑު މަގްސަދަކީ ސްޓާޓަޕްތަކާއި، އަލަށް ފަށާ ވިޔަފާރިތަކަށް މަސައްކަތްތައް ކުރެވޭނެ ފަހި މާހައުލެއް ގާއިމްކޮށްދީ، އެފަދަ ވިޔަފާރިތައް ކުރިއަރުވަން ފަންނީ އެހީއާއި ވަސީލަތްތައް ފޯރުކޮށްދިނުމެވެ. މިގޮތުން މިތަނުގައި 16 ވޯކް ސްޓޭޝަން އަދި މީޓިން ރޫމްގެ ވަސީލަތްތައް ގާއިމްކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން އަލަށް ފަށާ ވިޔަފާރިތަކާއި ޒުވާނުންނަށް އަމާޒުކޮށްގެން ސީޑް ބައި ބީސީސީގެ ނަމުގައި ކޯ ވޯކް ސްޕޭސް އެއް މާލޭގައި މިހާރުވެސް ދަނީ ހިންގަމުންނެވެ. އަދި މިފަދަ ފުރުސަތުތައް އިތުރު ކުރުމުގެ ގޮތުން ހުޅުމާލެގެ ކޮންޓެއިނާ ޕާކްގައި ކޯ ވޯކް ސްޕޭސް އެއް ހުޅުވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ކޮންޓެއިނާ ޕާކުގެ "ކޯ ވޯކިން ސްޕޭސް".. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ކޮންޓެއިނާ ޕާކްގެ "ކޯ ވޯކިން ސްޕޭސް" – އޮޕަރޭޝަންސް އަދި މެނޭޖްކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީ، އާބަންކޯ އަދި ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އާއި ދެމެދު އެމްއޯޔޫގައި، ސޮއިކުރީ މެއި 18 2023 ގަ އެވެ.

އެގޮތުން އެމްއޯޔޫގެ ދަށުން، މި ހުޅުވުނު ކޯ ވޯކިން ސްޕޭސް ބޭނުންކުރަން ގަސްތުކުރާ ފަރާތްތަކަށް ބިޒްނަސް ސެންޓަ ކޯޕަރޭޝަންގެ ކޮންސަލްޓޭޝަން އަދި އެޑްވައިޒަރީ ހިދުމަތް މެދުވެރިކޮށް ވިޔަފާރި ތަމްރީން އަދި ވިޔަފާރި ކުރިއެރުވުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ.

އޭގެ ތެރޭގައި ބިޒްނަސް ޕްލޭނިން، މާކެޓިން، އިދާރީ ހިންގުން، ހިއުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންޝަލް ޕްލޭނިން އަދި ބުކް ކީޕިން ފަދަ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ. ކޯ- ވޯކިން ސްޕޭސްގެ މެނޭޖްމަންޓް އަދި އޮޕަރޭޝަނަލް މަސްއޫލިއްޔަތު ބަލަހައްޓާނީ އާބަންކޯ އިންނެވެ.