ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭން ގިނަ ބައެއްގެ ތާއީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތްކަން މިއަދު ހާމަކޮށްފި އެވެ.

ދީނީ އިލްމުވެރިންގެ ތެރޭން ބައެއް ބޭފުޅުންނާ އެކު ނޫސްވެރިންނާ ބައްދަލު ކުރައްވައި ހަތަރު އިލްމުވެރިއަކު މިއަދު ވަނީ ވާހަކަ ދައްކަވައިފަ އެވެ.

ރާއްޖޭގެ އިތުބާރު ކުރެވޭ ދީނީ ދަންނަ ބޭކަލުންގެ ތާއީދު، އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހަށް އޮތްކަން ހާމަކޮށްފައި މިވަނީ އިލްމުވެރިންގެ ގުޅުން ކިޔާ ޖަމާއަތަކުން ވޯޓެއް ނަގައި އެ މީހުންގެ ތެރޭން ގިނަ މީހުންގެ ތާއީދު އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އޮތްކަން ހާމަކޮށްފައި ވަނިކޮށެވެ. އެ ވޯޓު ނެގުމުގައި އިސްކޮށް އުޅެފައިވާ ކަމަށް ޚަބަރުތަކުން ބުނެފައި ވަނީ ޑރ. މުއިއްޒަށް ތާއީދުކޮށްފައިވާ ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ޑރ. މުއިއްޒަށް ތާއީދުކުރާ ސަލަފް ޖަމާއަތުން ކަމަށެވެ.

މިއަދުގެ ބައްދަލުވުން ލީޑުކުރެއްވި ޝެއިޚް އިލްޔާސް ހުސެނައިން ވިދާޅުވީ ދައުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ އިސް އިލްމުވެރިން ބައްދަލުކުރީ އިލްމީ ހަމަތަކާއި އުސޫލްތަކުގެ މައްޗަށް ރިޔާއަތްކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުއޮތްކަން ހާމަކުރުމުގެ ގޮތުން ކަމަށެވެ.

"ރައީސް ސޯލިހަކީ ވެރިއެއްގެ ކިބައިގައި ހުރުން ހާޒިމް ސިފަތައް ހުރި ބޭފުޅެއް. ކުރީގެ ބައެއް ވެރިންނަ ޚިލާފަށް އެމަނިކުފާނަކީ ރުޅި އިސްކުރައްވައި، ރުންކުރު ނިންމެވުންތައް ނިންމަވާފައިވާ ބޭފުޅެއް ނޫން. ނަތީޖާ އަކީ ތަފާތު ފިކުރުގެ ބޭފުޅުންނާ އެކު ވެސް ކޯލިޝަން ސަރުކާރު މިއަދާ ހަމައަށް ވެސް ދަމަހައްޓާފައިވުން،" ދިވެހިންގެ ތެރޭގައި ދީނީ ދަރުސް ދެއްވުމުގައި އެންމެ ބަލާޣާތްތެރި އަދި އެތައް ދިވެހިންގެ ލޯތްބާއި އިހްތިރާމް ހޯއްދަވާފައިވާ ޝެއިޚް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ރައީސް ސޯލިހުގެ އެންމެ ރިވެތި ސިފައަކީ އެމަނިކުފާނުގެ އަޚުލާގިއްޔާތާއި މީހުންނާ މުއާމަލާތްކުރުމުގައި ގެންގުޅުއްވާ ރިވެތި އުސޫލްތައް ކަމަށެވެ.

ރާއްޖޭގެ އިލްމުވެރިންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ވާހަކަދައްކަވަނީ. ފޮޓޯ: އަދާލަތު ޕާޓީ

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މި ވޭތުވެދިޔަ ފަސް އަހަރު އިސްލާމިކް މިނިސްޓްރީން ހިންގި ދީނީ ޕްރޮގްރާމްތަކުގައި ރާއްޖޭގެ ދީނީ އިލްމުވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބިވަޑައިގެންނެވި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުގައި ދުވަހަކު ވެސް ހިންގާފައިނުވާ ވަރަށް މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ދީނީ ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށެވެ. އެ ގޮތުން މި ސަރުކާރު އައި ފަހުން 10،697 ދީނީ ޕްރޮގްރާމް ހިންގާފައިވާކަން މިނިސްޓަރު ޑރ. ޒާހިރު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ރައީސް ސޯލިހުގެ ލަފަ އާއި އިރުޝާދުގެ ދަށުން ޒަކާތުގެ ބިލަކާއި ހައްޖުގެ ބިލަކާ އަދި ވަގުފުގެ ބިލެއް ތައްޔާރުކޮށް އެޓާނީ ޖެނެރަލްގެ ލަފާފުޅަށް ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ.

"ރައީސް ކަންކަން ނިންމަފާއި ވަނީ ދީނީ އިލްމުވެރިންގެ ލަފާގެ މަތިން،" އަދާލަތު ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ މިނިސްޓަރު ވިދާޅުވި އެވެ.

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ގުބާދު ވިދާޅުވީ ދީނީ އިލްމަށް ނިސްބަތްވާ އާއިލާގެ ފަރާތުން ރައީސަށް ތާއީދު އޮތްކަން ހާމަކުރަނީ އެމަނިކުފާނަކީ ތަފާތު ޚިޔާލުގެ ބޭފުޅުންނާ އެކު ފަސް އަހަރުގެ ކޯލިޝަނެއް ދަމަހައްޓަވައި އެ ފަސް އަހަރު ތެރޭ ރާއްޖޭގެ އަމާންކަން ގާއިމްކޮށްދެއްވާފައިވާތީ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ދިމިގުރާތީ ތާރީޚުގައި ފެނިފައިނުވާވަރުގެ ކާމިޔާބެއް ކަމަށް ޑރ. ގުބާދު ފާހަގަކުރެއްވި އެވެ.

"މުސްލިމުން ވާންޖެހޭނީ މިފަދަ އަޚުލާގުގެ ވެރި ބަޔަކަށް،" ގުބާދު ވިދާޅުވި އެވެ.

ރާއްޖޭގެ އިލްމުވެރިންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ މުހައްމަދު ގުބާދު އަބޫބަކުރު ވާހަކަދައްކަވަނީ. ފޮޓޯ: އަދާލަތު ޕާޓީ

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވީ ރައީސް ސޯލިހުގެ ފަރާތްޕުޅުން ފެނިފައި ވަނީ ކަންކަމާ މަޝްވަރާކޮށްގެން ގޮތް ނިންމެވުމުގެ ރިވެތި ސިފަ ކަމަށެވެ. އަދި ދީނީ ކަންކަމުގައި ދީނީ އިލްމުވެރިންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައިވާކަން ޑރ. އިޔާޒް ފާހަގަކުރެއްވި އެވެ. އެ ގޮތުން މޫނު ބުރުގާގެ މައްސަލާގައި އިލްމުވެރިން އެދުނު ގޮތަށް އަކުރުން އަކުރަށް އެކަން ހައްލުކޮށްދެއްވި ކަމަށް ވިދާޅުވި އެވެ. އަދި ރައީސް ވަނީ ސަރުކާރާ ދެކޮޅަށް ފާޅުގައި ފާޑުކިޔާ އިލްމުވެރިންނާ ވެސް ބައްދަލު ކުރައްވާފައި ކަމަށް ޑރ. އިޔާޒް ވިދާޅުވި އެވެ.

ރާއްޖޭގެ އިލްމުވެރިންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިޔާޒް ވާހަކަދައްކަވަނީ. ފޮޓޯ: އަދާލަތު ޕާޓީ

ކަމަކާ މެދު މަޝްވަރާ އަށް އެދިވަޑައިގެންފި ނަމަ އިލްމުވެރިންނަށް ފެންނަ ގޮތަކަށް ކުރިއަށް ދިއުމަށް ރައީސް އެދިވަޑައިގަންނަވާކަން މިއަދުގެ ބައްދަލުވުމުގައި އިލްމުވެރިން ފާހަގަކޮށްފައިވެ އެވެ.

ޝެއިޚް އިލްޔާސް ވިދާޅުވީ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގެންނެވުނު ނަމަވެސް ވަރަށް ގިނަ އިލްމުވެރިންގެ ތާއީދު ރައީސް ސޯލިހަށް އެބައޮތް ކަމަށެވެ.