ޓޫރިޒަމް ހީނަރުވުމުން މިދިޔަ ކުއާޓަރުގައި ބޭންކުތަކަށް ޖަމާކުރި ބޭރު ފައިސާ މަދުވެއްޖެ އެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އާއްމުކުރި ކުއާޓަލީ އިކޮނޮމިކް ބްލެޓިންގައިވާ ގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި ބޭންކުތަކަށް ޖަމާކުރި ފައިސާގެ އަދަދު އެއް ޕަސެންޓް ވަނީ ދަށްވެފަ އެވެ. އަދި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު މިދިޔަ ކުއާޓަރުގައި ތިން ޕަސެންޓް ދަށްވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ ކުއާޓަރުގައި ބޭންކުތަކަށް ޑިޕޮސިޓްކުރި ފައިސާގެ ތެރެއިން އެންމެ ބޮޑަށް މަދުވެފައި ވަނީ ބޭރު ފައިސާ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ބުނެފައި ވަނީ ލޯސީޒަނާ ދިމާވެ، މިދިޔަ ކުއާޓަރުގައި ޓޫރިޒަމް ދަށްވުމުން ކަމަށެވެ. އަދި އެއާއެކު ބޭންކުތަކަށް ޑިޕޮސިޓްކުރި ބޭރު ފައިސާގެ އަދަދު ދެ ޕަސެންޓް ދަށްވި ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ބޭންކުތަކަށް ޖަމާކުރި ބޭރު ފައިސާގެ އަދަދު މަދުވުމުން ބްލެކް މާކެޓްގައި ޑޮލަރުގެ އަގު 18ރ. އަށް އަރާފައިވެ އެވެ. ނަމަވެސް މިހާރު ޑޮލަރުގެ އަގު ވަނީ 17.60ރ. އަށް ދަށްވެފަ އެވެ.

ކުއާޓަލީ އިކޮނޮމިކް ބްލެޓިންގައިވާ ގޮތުން މިދިޔަ ކުއާޓަރުގައި ބޭންކުތަކަށް ޖަމާކޮށްފައި ވަނީ 87 ބިލިއަން ރުފިޔާ އެވެ. އަދި އެ ކުއާޓަރުގައި ޖުމްލަ 34.3 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ތިން ޕަސެންޓްގެ އިތުރުވުމެއް ކަމަށް ބުނެފައިވެ އެވެ.