އިންޑިއާގެ ނަން ބަހާތަރަތަށް ބަދަލުކުރަން އުޅޭ ކަމަށް ފެތުރިގެން އުޅޭ އަޑާއެކު އިންޑިއާ އިން އެނަން ދޫކޮށްލައިފި ނަމަ ޕާކިސްތާނުގެ ނަން އިންޑިއާއަށް ބަދަލުކުރުމަށް އެގައުމުގެ ބައެއް ސިޔާސީ ފަރާތްތަކުން ގޮވައިލައިފި އެވެ.
އިންޑިއާގެ ވެރިކަމަށް ހަރުކަށި ހިންދީ ޕާޓީ އެއް ކަމަށްވާ ބަހާރަތިޔާ ޖަނަތާ ޕާޓީ އައުމަށް ފަހު ގައުމުގެ ނަން ބަދަލު ކުރުމާ މެދު ދޭތެރެ ދޭތެރެއިން ބަހުސު ކުރެވެ އެވެ. ބަހާރަތަކީ މުސްކުޅި ސަންސްކްރިތު ބަހުން އިންޑިއާއަށް ކިޔައި އުޅުނު ނަމެކެވެ.
ބީޖޭޕީގެ ލީޑަރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަފުޅުތަކުގައި އެމަނިކުފާނު އަބަދު ވެސް އިންޑިއާގެ ބަދަލުގައި ބޭނުން ކުރައްވަނީ ބަހާރަތެވެ. އިންޑިއާއަށް އިންޑިއާ ކިޔަން ފެށީ އިނގިރޭސިންގެ ބައެއްގެ ގޮތުގައި އެ ގައުމު އޮތް ދުވަސްވަރު އެވެ.
ބަހާރަތުގެ ނަމަށް އިންޑިއާގެ ނަން ބަދަލުކޮށްފާނެކަމުގެ އަޑު މިދުވަސްކޮޅު ގަދަވެގެން އުޅެނީ އެގައުމުގައި އޮންނަ ޖީ20 ގެ ސަމިޓުގެ މެހެމާނުނަށް އޮންނަ ފަރިއްކޮޅުގެ ދައުވަތު ކާޑުގައި އިންޑިއާގެ ބަދަލުގައި ބަހާރަތު ޖެހުމުންނެވެ.
ބަހާރަތުގެ ރައީސްގެ ދައުވަތު ކާޑަށް ފަހު ޖީ20 ގެ އެހެން ރަސްމީ ޑޮކިއުމެންޓްތަކުން ވެސް އިންޑިއާގެ ބަދަލުގައި ބަހާރަތު ލިޔެފައިވާ ތަން އަންނަނީ ފެންނަމުންނެވެ. ޚާއްސަކޮށް އެ ސަމިޓުގެ އޮފިޝަލުން އަޅާ ރަސްމީ އައިޑީކާޑުގައި ވެސް ލިޔެފައި ވަނީ އިންޑިއާގެ އޮފިޝަލެއްގެ ބަދަލުގައި ބަހާރަތު އޮފިޝަލެއް ކަމަށެވެ
ސަރުކާރުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއަކަށް ނަން ބަދަލުކުރުމުގެ މައްސަލަ ސަރުކާރުން ވަރަށް އަވަހަށް ހުށަހަޅާނެ އެވެ.
އިންޑިއާ އިން ނަން ބަދަލުކުރުމުގެ ބަހުސުގެ ތެރެއަށް ވަދެފައި ވާއިރު އަވަށްޓެރި ޕާކިސްތާނުގެ ބައެއް ސިޔާސީ ލީޑަރުން ގެންދަނީ އިންޑިއާއިން ރަސްމީކޮށް ޔޫއެންގައި ނަން ބަދަލުކޮށްފި ނަމަ އިންޑިއާގެ ނަން ބޭނުންކުރުމުގެ ހައްގު ޕާކިސްތާނަށް އޮންނާނެ ކަމަށް ވަކާލާތު ކުރަމުންނެވެ. އެ ފަރާތްތަކުން ދެކޭ ގޮތުގައި އިންޑިއާގެ ނަން އައިސްފައި ވަނީ އިންޑަސްއިންނެވެ. އިންޑަސް ހިމެނޭ ސަރަހައްދަކީ މިހާރުގެ ޕާކިސްތާނުގެ ބައެކެވެ.