އޮމާން މޫނަކީ އެންމެން ވެސް ބޭނުންވާނެ ކަމެކެވެ. އެކަމަށްޓަކައި އެތައް ހަރަދެއް ވެސް ކުރާ ކަމެކެވެ. އަގުބޮޑު ފޭޝަލްތަކާއި ޓްރީޓްމަންޓް ތަކެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާ ނުލާ ވެސް ގޭގައި ވަރަށް ފަސޭހައިން ކުރެވޭ ކަމަކުން މިކަން ހާސިލް ވެދާނެ އެވެ.

ލުނބޯ

ސާފު ހަންގަނޑެއް ބޭނުން ނަމަ ބޭނުން ކުރާން އެންމެ ރަނގަޅު ބާވަަތަކީ ލުނބޯ އެވެ. ލުނބޯގައި ހުންނަ ސިޓްރިކް އެސިޑަކީ ހަމުގައި މަރުވެފައި ހުންނަ ސެލްތައް ނައްތާލުމަށް އެހީވެދޭ ބާވަތެކެވެ. އަދި ލުނބޯގައި ހުންނަ ވިޓަމިން ސީ އިން ހަމުގައި އުފެދިފައި ހުންނަ ކަޅު ލައްތައް ފިލުވައި އާ ސެލް ތައް އުފައްދާން އެހީތެރިވެދެ އެވެ. ލުނބޯގައި ހުންނަ ހަމުގެ ކުލަ އަލިކޮށްދޭ ބާވަތުން ހަމުގެ ކުލަ އަލިކޮށްދީ ހަންގަނޑަށް ދިރުން ގެނެސްދެ އެވެ.

ކަރާއި މޫނުގައި ލުނބޯ ހުތް އުގުޅުމަށް ފަހު 10 ވަރަކަށް މިނިޓަށް ބެހެއްޓުމަށް ފަހު ތާފަނާ ފެނުން ދޮވެލާށެވެ. އެއަށްފަހު ކިއުކަމްބާ ފޮއްޗެއް ކަރާއި މޫނުގައި އުނގުޅާލާށެވެ. ހަންގަނޑު މަޑުކޮށް ހަންގަނޑަށް ތެތްކަން ގެނެސްދޭނެ އެވެ. ކޮންމެ ދުވަހަކު ނުވަތަ ދެ ދުވަހުން އެއް ދުވަހު ތަކުރާރު ކުރާށެވެ. ވަރަށް އަވަހަށް ނަތީޖާ ފެންނާނެ އެވެ.

ރީނދޫ

ރީނދުލަކީ ޖަރާސީމު ފަދަ އެއްޗެހީން ހަންގަނޑު ރައްކާތެރިކޮށް ދިނުމުގެ އިތުރުން ހަމުގެ ކުލަ އަލިކޮށްދޭ ބާވަތެކެވެ. ހަމުގައި ހުންނަ ލައްތަކާއި ލަކުނު ފިލުވައިދިނުމަށް އެހީތެރިވެދޭ ބާވަތެއްވެސްމެ އެވެ. އަދި ހަމުގެ ދިރުން ނަގާލާ ބަލިތަކުން ރައްކާތެރިކޮށްދީ ހަމަށް ދިރުން ގެނެސްދޭ ބާވަތެއް ވެސްމެ އެވެ.

އެއް ސައި ސަމުސާ ރީނދުލުގެ ތެރެއަށް އަލަނާސި ޖޫސް ފޮދެއް އަޅައި ޕޭސްޓް ހަދާށެވެ. އަދި ކަރާއި މޫނުގައި އުނގުޅުމަށްފަހު ޕޭސްޓް ރަނގަޅަށް ހިކެންދެން ބަހައްޓާށެވެ. އެއަށްފަހު ތާފަނާ ފެނުން ދޮވެލާށެވެ. ލަކުނާއި ލައް ފިލުވުމަށް މި ފަރުވާ ހަފްތާއަކު ތިން ފަހަރު ތަކުރާރު ކުރެވިދާނެ އެވެ.

މާމުއި

ސާފުކޮށް ހަންގަޑު ބެހެއްޓުމަށް ހަންގަނޑު ތެތްކޮށް ބެހެއްޓުން ވަރަށް މުހިއްމު ކަމެކެވެ. މާމުއަކީ ހަންގަނޑުގެ ތެތްކަން ދަމަހައްޓައިދޭ ބާވަތެކެވެ. އަދި އެއީ އިންފެކްޝަންތަކުން ހަންގަނޑު ރައްކާތެރިކޮށްދޭ ބާވަތެކެވެ.

މޫނުގައި ރޯ މާމުއި އުނގުޅާށެވެ. އަދި ހިކެންދެން ބެހެއްޓުމަށްފަހު ތާފަނާ ފެނުން މޫނު ދޮވެލާށެވެ. މާމއުިގައި ހުންނަ ފެނުން ހަންގަނޑުގެ ތެތްކަން އިތުރުކޮށްދީ ހަންގަނޑު މަޑުކޮށް ހަންގަނޑަށް އާރޯ ކަން ގެނެސްދޭ ނެއެވެ. މިއީ ކޮންމެ ދުވަހަކު ނުވަތަ ދެ ދުވަހުން އެއް ދުވަހު ދެވިދާނެ ފަރުވާ އެކެވެ