މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 1,254,252 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 14 އިންސައްތަ އިތުރު އަދަދެކެވެ.

މިދޔަ އަހަރުގެ މިހާތަނަށް ރާއްޖެއަށް އައީ އެއް މިލިއަން ޓޫރިސްޓުންނެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. އެގައުމުން 147,187 ޓޫރިސްޓުން އައިސްފައިވެ އެވެ. ރަޝިޔާގެ އިތުރުން އިންޑިއާ އާއި ޗައިނާ އާއި ވަނީ ލައްކައަށް ވުރެ ޓޫރިސްޓުން އައިސްފަ އެވެ.

މި އަހަރު ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން ހަމަވީ، ޖުލައި މަހު އެވެ. މިދިޔަ އަހަރު އެއް މިލިއަން ޓޫރިސްޓުން ހަމަވީ އޮގަސްޓް މަހު އެވެ.

ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5000 ޓޫރިސްޓުން އާދެ އެވެ.

ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,261 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 172 ރިސޯޓާއި 913 ގެސްޓްހައުސްގެ އިތުރުން 162 ސަފާރީ އާއި 14 ހޮޓެލް ހިމެނެ އެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 62,236 އެނދު އޮޕަރޭޓްކުރެ އެވެ