ކެއުމުގައި ގެންގުޅެވޭ ބައެއް އާދަތަކުން ހަށިގަނޑު ނުރައްކަލަށް ހުށަހެޅެ އެވެ. ބައެއް މީހުންނަކީ ކެއުމުގައި ރަހަ ހެޔޮވަރު ކުރުމަށްޓަކައި އެކި ކަހަލަ މިންގަންޑުތައް ގެންގުޅޭ މީހުންނެވެ. އެގޮތުން ކާތަކެތީގައި ލޮނު ހެޔޮވަރު ކުރުމުގެ މިންގަނޑަކީ މިފަަދަ މީހުންގެ ބަލިފަޔެވެ.

ލޮނަކީ ވެސް ހަށިގަނޑަށް ވަރަށް މުހިންމު މާއްދާ އެކެވެ. އެހެންކަމުން ދިރިހުރުމަށްޓަކައި ލޮނު ބޭނުންވާތީ އަހަރެމެންގެ ހަށިގަނޑު ބަރޯސާވެފައި މިވަނީ ސޯޑިއަމް އަށެވެ. އަހަރެމެންގެ ހަށިގަނޑު ދިރިހުރުމަށްޓަކައި ލޮނު ބޭނުންވެ އެވެ.

ނަމަވެސް މާގިނައިން ލޮނު ބޭނުންކުރުމަކީ ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާ ކަމެކެވެ. ގިނައިން ލޮނު ބޭނުންކުރުމުގެ ސަބަބުން ގިނަ ވޭންތަކާއި ކުރިމަތިލާޖެހޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ ވަރަށް ވުރެން އިތުރަށް ލޮނު ބޭނުން ކުރެވޭ ނަމަ ބޮޑެތި މީހުންނަށް ހިތުގެ މައްސަލަތައް ކުރިމަތިވެ އެވެ. އަދި ސްޓްރޯކް ޖެހުމުގެ ނުރައްކަލާ ކުރިމަތިވުމަށް މަގުފަހިވެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ގިނައިން ލޮނު ބޭނުން ކުރާ ނަމަ ލޭމައްޗަށް ދިއުމުގެ އިތުރުން ސިކުނޑީގެ ބަލިތައް ޖެހި ހަނދާން ނެތުމުގެ ބަލި ނުވަތަ ހަނދާ ބަލިވާ މައްސަލައާ ކުރިމަތިލާން ޖެހެ އެވެ.

މީގެ އިތުރުން މާގިނައިން ތައްޔާރީ ކާނާ ބޭނުންކުރުމަކީ ވެސް މައިދާއަށް ގެއްލުންހުރި ކަމެކެވެ. ކެއުމުގައި ސޮސެޖް ފަދަ ލޮނު ގިނަ ކާނާ އަދި ސަރުބި ގިނަ އަދަދަކަށް އެކުލެވިގެންވާ ކާނާތައް މަދުކުރުމުން މައިދާގެ ކެންސަރު ޖެހުމުން ދުރުކޮށްދެ އެވެ.

ކިޑުނީ އަކީ ހަށިގަނޑުގައި އުފެދޭ ބޭކާރު މާއްދާތައް ހަށިގަނޑުން ބޭރުކުރުމަށް އެހީތެރިވެދޭ އެންމެ މުހިންމު ގުނަވަނެވެ. އަދި ހަށިގަނޑުގެ ދިޔަ އެއްވަރެއްގައި ހިފަހައްޓައިދީ ރެޑް ބްލަޑް ސެލްސް ބޭނުންވާ މިންވަރަށް ހަށިގަނޑުގައި އުފެއްދުމަށް އެހީތެރިވެދެ އެވެ.

ގިނައިން ލޮނު އެކުލެވޭ ކާނާ ބޭނުން ކުރުމުން ލޭގެ ޕްރެޝަރު މައްޗަށް ގޮސް ކިޑްނީގެ މަސައްކަތްތަކަށް ހުރަސް އަޅަ އެވެ. މީގެ ސަބަބުން ހަށިގަނޑުން ބޭނުން ނޫން ވިހަ މާއްދާތައް ހަށިގަނޑުން ބޭރު ކުރުމަށް ހުރަސް އަޅަ އެވެ.

މި ސަބަބަށްޓަކައި ކެއުމުގައި ލޮނު ބޭނުން ކުރުން ވަކި މިންވަރެއްގައި ހިފަހައްޓަން ޖެހެ އެވެ.