މަދަނީ މައްސަލައެއްގައި ރާއްޖޭގައި މިހާތަނަށް ނަގައިދިން އެންމެ ބޮޑު ޖޫރިމަނާގެ ހުކުމް ހައި ކޯޓުން ބާތިލްކޮށްފި އެވެ.

ޖޫރިމަނާގެ ގޮތުގައި 286 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން 2016 ވަނަ އަހަރު ހުކުމްކުރީ މަދަނީ އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ ދެ ލައްކަ ރުފިޔާ ނުދެއްކުމުންނެވެ. އެ ޖޫރިމަނާ އެހާ ބޮޑުވީ ފައިސާ ނުދައްކާ ހޭދަވާ ކޮންމެ ދުވަހަކަށް 80 ޕަސެންޓްގެ ރޭޓުން ޖޫރިމަނާ އަރާނެ ކަމަށް އެއްބަސްވުމުގައި އޮތުމުންނެވެ. އެ މައްސަލަ ސިވިލް ކޯޓުން ނިމުނުއިރު ފައިސާ ނުދައްކާ ހަތަރު އަހަރު ވަނީ ވެފަ އެވެ.

ފައިސާ ދައްކަން ޖެހުނު ދެ މީހުންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ނިންމީ އަސްލީ އިލްތިޒާމަށް ވުރެ އެތައް ހާސް ގުނައެއް ބޮޑު ޖޫރިމަނާއެއް އެ މައްސަލާގައި ނަގައި ނުދެވޭނެ ކަމަށެވެ. އަދި ޖޫރިމަނާ ނެގުން ހުއްދަ ވިޔަސް، އަސްލީ އިލްތިޒާމަށް ވުރެ ބޮޑުކޮށް ޖޫރިމަނާ ނަގަން ހުއްދަ ނުކުރެވޭނެ ކަމަށާއި އެ މިންވަރަށް ގެއްލުން ލިބުނު ކަން ސާބިތުނުވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ 286 މިލިއަން ދައްކަން ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލާގައި ދައްކަން ޖެހޭނީ 227،000ރ. ގެ ޖޫރިމަނާއެއް ކަމަށް ކަނޑައެޅުމަށެވެ. އަދި އެ ފައިސާ އެއް މަސް ތެރޭގައި ދައްކަން އަންގާފައިވެ އެވެ.