ތުންފަތް މަތީގައި ނުވަތަ މަތި މަހުގައި އިސްތަށި ފެޅުމަކީ ބައެއް އަންހެނުނަށް ދިމާވާ ކަމެކެވެ. މިއީ ޓެސްޓޮސްޓެރޯން ނަަމަކަށް ކިޔާ ހޯމޯންއެއް މައްޗަށް ދިއުމުން ދިމާވާ ކަމެކެވެ.

ބައެއް މީހުން މި އިސްތަށިތައް ވެކްސްއާއި ރޮދި ބޭނުންކޮށްގެން ނައްތާލާ ނަމަވެސް އެކަމުގެ ސަބަބުން މަތި މަސް ރަތްވެ ހަލާކުވެފައި ހުރެ އެވެ. އޭގެ ބަދަލުގައި ގުދުރަތީ ބައެއް ތަކެތި ބޭނުންކޮށްގެން އިސްތަށިތައް ނައްތާލެވިދާނެ އެވެ. ތިރީގައި މިގެނެސްދެނީ އިސްތަށިތައް ނައްތާލުމަށް ކުރެވިދާނެ ކަމެކެވެ.

  1. ކްލީންޒާއެއް ބޭނުންކޮށްގެން މޫނު ދޮވެލުމަށްފަހު ތުވާލި ބޭނުންކޮށްގެން ފެން ހިއްކާލާށެވެ. އެއަށްފަހު އިސްތަށިގަނޑު އައްސާލާށެވެ.
  2. ބޯތަށްޓަކަށް މޭޒުމަތީ ސަމުސަލެއްގެ ޖެލެޓިން އާއި ބައި ސަމުސާ ކިރު އެޅުމަށްފަހު 20 ސިކުންތު ވަންދެން އަވަނަށް ލާށެވެ. ޖެލެޓިން ކޮޅު އެއްކޮށް ވިރި ޕޭސްޓަކަށް ވަންދެން ގަށާލާށެވެ.
  3. ޖެލެޓިން ކޮޅުގެ ތެރެއަށް ތިން ތިކި ލުނބޯ ހުތް ޖަހާށެވެ. ލުނބޯ ހުތުގައި ސިޓްރިކް އެސިޑް އެކުލެވޭއިރު އޭގެ ސަބަބުން ބޭކާރު އިސްތަށި ނައްތާލަދެ އެވެ. މީގެއިތުރުން ލުނބޯގައި ވިޓަމިން ސީ އެކުލެވޭތީ އޭގެ ސަބަބުން ހަންގަނޑު އަލިކޮށްދެ އެވެ.
  4. މި މާސްކުގައި މީރުވަސް ދުއްވަން ބޭނުންނަމަ ކުޑަ ލެވެންޑާ ތެޔޮކޮޅެއް އަޅާލާށެވެ. މާ ގިނައިން ތެޔޮ އަޅައިފިނަމަ ޕޭސްޓްގެ ބާރު ދައްވާނެ އެވެ.
  5. މާސްކު ތައްޔާރުކުރުމަށްފަހު ވަގުތުން އުނގުޅަން ވާނެ އެވެ. ގިނައިރު ވަންދެން ބަހައްޓައިފިނަމަ މި ޕޭސްޓް މާ ބޮޑަށް ތަތްވެ އުނގުޅަން އުނދަގޫ ވާނެެ އެވެ. ޕޮޕްސިކުލް ސްޓިކެއް ބޭނުންކޮށްގެން މަތިމަހުގައި މި ޕޭސްޓް ތުނިކޮށް އުނގުޅުމަށްފަހު ފަސް މިނެޓާއި ވިހި މިނެޓާ ދެމެދުގެ ވަގުތުކޮޅެއް ވަންދެން މަޑުކޮށްލާށެވެ.
  6. ހަންގަނޑަށް ބާރުވާން ފެށުުމުން ކުއްލިއަކަށް މި ޕެސްޓް ނައްޓާލާށެވެ. އޭރުން މަތިމަހުގައި ހުރި އިސްތަށިތައް ނެއްޓޭނެ އެވެ.
  7. ފޭސް ކްރީމް ބޭނުންކޮށްގެން މަތިމަސް ރަނގަޅަށް މަސާޖްކޮށްލާށެވެ. އޮއިލް ފްރީ ކްރީމެއް ބޭނުންކުރަން ހަނދާން ކުރާށެވެ.