މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް، ޕީއެންސީއާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާ ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއެކު ފަށައިފި އެވެ.

ގާސިމްގެ އެޑްވައިޒަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ސަން އައިލެންޑް ރިސޯޓްގައި އެ ބައްދަލުވުން ފެށިގެން މިހާރު ކުރިއަށްދާ ކަމަށެވެ.

އެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދުގެ އިތުރުން މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ބައިވެރިވެވަޑައިގަންނަވަ އެވެ.

ޑރ. މުއިއްޒާއެކު އެންމެ ފުރަތަމަ ކޯލިޝަން ހެދީ އެމްއެންޕީންނެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް ރިޔާސީ އިންތިހާބުގައި ލިބިފައި ވަނީ 1907 ވޯޓެވެ. ގާސިމަށް ލިބިފައި ވަނީ 5460 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 2.4 ޕަސެންޓެވެ.