ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މެންދުރު ފަހު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާތީ ކޯލިޝަނާ މެދު ގޮތެއް ނިންމަން ޖޭޕީގެ ކައުންސިލުން ބާއްވަން އުޅުނު ބައްދަލުވުން ފަސްކޮށްފި އެވެ.

ރައީސް އާއި ގާސިމް ބައްދަލު ކުރައްވަނީ މި މަހު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭ މަޝްވަރާތައް ކުރުމަށެވެ. ގާސިމްއާ ބައްދަލު ކުރެއްވުމަށް ރައީސް މިއަދު މެންދުރު ސަން އައިލެންޑް ރިސޯޓަށް ވަޑައިގަންނަވާނެ އެވެ.

ދެވަނަ ބުރުގައި ޖޭޕީން ކޯލިޝަން ހަދާނެ ބަޔަކު ނިންމުމަށް އެ ޕާޓީގެ ކައުންސިލް ބައްދަލުވުން ތާވަލްކޮށްފައި ވަނީ މިއަދު ހަވީރަށެވެ. ނަމަވެސް ރައީސް އާއި ގާސިމް މިއަދު މެންދުރު ފަހު ބައްދަލުކުރައްވާނީ ޖޭޕީން ނިންމާ ގޮތެއް އިއުލާން ކުރުން މިހާރު ވަނީ އެހެން ދުވަހަކަށް ފަސްކޮށްފަ އެވެ.

ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީގެ ވަފުދެއް ވެސް ރޭ ވަނީ ގާސިމް ދިރިއުޅުއްވާ ސަން އައިލެންޑުގައި އެމަނިކުފާންއާ ބައްދަލު ކުރައްވައިފަ އެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި 5،545 ވޯޓާ އެކު ފަސް ވަނަ ލިބިވަޑައިގެންނެވި ނަމަވެސް ދެވަނަ ބުރެއްގައި ގާސިމްގެ އެހީ ޕާޓީތަކަށް ވަނީ ބޮޑުވެފަ އެވެ. ގާސިމްގެ ޖުމްހޫރީ ޕާޓީގައި 22،600 މެންބަރުން އެބަތިއްބެވެ.

ދެހާސް އަށެއް އަދި 2013 އާއި 2018 ގައި ވެސް ވެރިކަމަށް ވަޑައިގެންނެވި ކެންޑިޑޭޓު ވަނީ ގާސިމްގެ އެހީ ހޯއްދަވައިފަ އެވެ.

އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރައްވާނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި 46 ޕަސެންޓް ވޯޓު ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި 39 ޕަސެންޓް ވޯޓު ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.