ބޮލީވުޑްގެ ޒުވާން އެކްޓްރެސް އާލިއާ ބަޓްއަކީ ޕޫޖާ ބަޓްގެ ދަރިއެއްކަމަށް އާއްމުންގެ މެދުގައި ދެކެވޭ ވާހަކައަށް ޕޫޖާ ރައްދު ދީފި އެވެ.

ޕޫޖާ ބުނީ އެކި ގޮތްގޮތަށް މީޑިއާގައި ވާހަކަތަކަކީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށާއި އެ ކަންކަމަށް މާބޮޑު ސަމާލުކަމެއް ވެސް ނުދޭ ކަމަށެވެ.

އާލިއާއަކީ ޕޫޖާއާއި އޭނާގެ ބައްޕަ މަހޭޝް ބަޓްގެ ދަރިއެއް ކަމަށް މީޑިއާގައި އަޑު ފެތުރުނީ މަޖައްލާއެއްގެ ކަވަރުގައި އެ ދެބަފައިންގެ ގައިގޯޅި ފޮޓޯއެއް އާއްމުވުމުންނެވެ.

ބައްޕައަކާއި ދަރިއެއްގެ ގުޅުން ނުބައި ގޮތެއްގައި މާނަކުރާ މީހަކަށް އޭނާ ދޭން ޖެހޭނެ ރައްދެއް ނެތް ކަމަށާއި އެ މީހަކު ދެކޭ ގޮތަކަށް ދެކުމުގެ މިނިވަންކަން އެބައޮތް ކަމަށް ވެސް ޕޫޖާ ބުނެފައިވެ އެވެ.

ޕޫޖާއާއި އާލިއާއަކީ ވެސް މަހޭޝްގެ ދަރިންނެވެ. ޕޫޖާއަކީ މަހޭޝްގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދަރިއަކަށްވާއިރު އާލިއާގެ މަންމައަކީ މަހޭޝްގެ ދެވަނަ އަންހެނުން ސޯނީ ރަޒްދާން އެވެ.

ބަޓް އާއިލާއަކީ ބޮލީވުޑްގައި ވެސް އެ އާއިލާއަކާ ބެހޭ ގޮތުން ތަފާތު އެކި ވާހަކަތައް ދެކެވެމުން އަންނަ އާއިލާއެެކެވެ. އޭގެ ތެރޭގައި ވެސް މަހޭޝްގެ ޒާތީ ދިރިއުޅުމުގެ ކަންކަން ފާހަގަކޮށްލެވެ އެވެ.