މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބުނު ވޯޓާ މެދުގައި ދެރަވިއަސް އެއްވެސް މީހަކު އުންމީދު ކަނޑަ އެއް ނުލައި ދެ ވަނަ ބުރުގައި ރަގަޅު ނަތީޖާއެއް ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް އެމްޑީޕީ އެމްޑީޕީގެ ސަޕޯޓަރުންނަށް ރައީސް ސޯލިހުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު އިލްތިމާސް ކުރައްވައިފި އެވެ.

މެޑަމް ފަޒްނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ އަށް ކަންތައް ވީ ގޮތާ މެދު ދެރަވިޔަސް އެއްވެސް މީހަކު އުއްމީދު ކަނޑާނުލާ ކަމަށެވެ.

އެ ކަމަނާ ވިދާޅުވި ގޮތުގައި، ގެތަކުން ފެނިވަޑައިގަތީ އެކި ރަށްރަށާއި ރާއްޖެ އިން ބޭރަށް ގުޅައިގެން ވެސް މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ރީ-ރަޖިސްޓަރީ ކުރަން ތައްޔާރުވަމުން އަންނަ މަންޒަރު ކަމަށެވެ. ފަތުރަމުންދާ ހީލަތްތެރި ދޮގު ވާހަކަތަކުގެ ހަގީގަތް ވެސް މީހުންނަށް އޮޅުންފިލުވައި ދެއްމުންދާ ތަން ގޭގެ އަށް ހިންގެވުމުން ފެނިވަޑައިގެންނެވި ކަމަށް ފަޒްނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ޖަގަހާގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ރައީސް ސޯލިހާއި މެޑަމް ފަޒްނާ ބައިވެރިވަނީ.. ފޮޓޯ: އެމްޑީޕީ

"ވޯޓް ލާން ނުދާ މީހުނާ ދިމާވިއެވެ. ދެވަނަ ބުރެއް އޮންނާނެތީ ނުދިޔައީ ކަމަށް ބުނި މީހުން ތިއްބެވެ. އަދި "އޮފަރ" އެއް ލިބުނީމަ އައިޑީ ދުކޮށްލާފައި ގޭގައި މީހަކު ހުރިކަން އެނގުނެވެ. (އޭނައަށް 2 ވަނަބުރުވެސް ވޯޓް ނުލެވޭނެތާއެވެ )." ފަޒްނާ ވިދާޅުވި އެވެ.

މީގެ އިތުރުން ފަޒްނާ ވިދާޅުވީ އެ ދާއިރާގެ ގެއެއްގައި ކުއްޔަށް އުޅޭބަޔަކާ ވެސް ބައްދަލުކުރެވުނު ކަމަށާއި ވަރަށް ބައިވަރު ޝަކުވާ ވެސް ހުރި ކަމަށެވެ.

"މި ދާއިރާގެ ގެއެއްގައި ކުއްޔައް އުޅޭ ބަޔަކާ ވެސް ބައްދަލުކުރީމެ. ވަރަށް ބައިވަރު ޝަކުވާ ހުރި. ނުކުންނަމުން އަޅުގަނޑު ބުނީ ތި ހުރިހާ ވާކައެއް އަޑުއަހާފައި ވޯޓެއް ދޭން ބުނާކަށް ނުކެރޭނެއޭ. އެ މީހުން ހިނިތުން ވެލާފައި ބުނީ ދުވަހަކު ވެސް އަދި އެއްވެސް މީހަކު ނުވަތަ ޕާޓީއަކުން ވެސް އަޅުގަނޑުމެންގެ އަޑުއަހައެއް ނުލައޭ،" ފަޒްނާ ވިދާޅުވި އެވެ.

https://www.facebook.com/fazu.ahmed.1/posts/10159553863881709?ref=embed_post

ދޮރުން ދޮރަށް ހިންގެވުމަށް ފަހު، ގެކޮޅަށް ވަޑައިގެން ފޯނު ބެއްލެވިއިރު، ލިބިވަޑައިގެންނެވި މެސެޖެއް ވެސް ފަޒްނާ ފޭސްބުކްގައި ހިއްސާ ކުރެއްވި އެވެ. އެ ކަމަނާ ވިދާޅުވި ގޮތުގައި، މި ސަރުކާރު ދަމަހައްޓަން ބޭނުންވާ ސަބަބަކަށް ނަފުސާނީ ސިއްހަތު އަދި އިޖްތިމާއި ސިޔާސަތުތައް މެސެޖްގައި އެ މީހާ ފާހަގަކުރުމަކީ ނުހަނު އުފާވި ކަމެކެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ.

އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ.