ފްރެޑް ޕޯލް އާއި ފްލޮރެންސް ހާވީގެ ލޯބީގެ ވާހަކަ ފެށެނީ މީގެ 68 ކުރިންނެވެ.
ފުރާވަރު އުމުރަށް އަރަމުން އައިއިރު އެމީހުން ދިރިއުޅެމުން އައީ ކެނެޑާގެ ލެބްރެޑޯ އަދި ނިއުފައުންޑް ލޭންޑް ޕްރޮވިންސްގައި އޮންނަ ވޭންޑްސްވޯތް ނަމަކަށް ކިޔާ އަވަށުގައި އެވެ.
މި ދެ މީހުންގެ ލޯބީގައި ކުރިލާ ހެދެން ފެށީ 1950ގެ އަހަރުތަކުގެ ތެރޭގަ އެވެ. އޭރު ޕޯލްއާއި ހާވީގެ ކޮންމެ ވަގުތެއް ވެސް ހޭދަކުރަމުން ދިޔައީ އެކު އެކީގަ އެވެ. އެކުގައި ކޮންސެޓްތަކަށް ގޮސް ޗާޗަށް ގޮސް އެނބުރި އަންނަނީ ވެސް އެކީ އެވެ. ކޮންމެ ރެއަކު ވެސް ނިދުމުގެ ކުރިން ޕޯލް އޭނާގެ ގޭގެ ބޭރުގައި އޮންނަ ބޮކި ނިއްވައި ދިއްލާނެ އެވެ. އެއީ އެގެއާ މާ ދުރުނޫން ހިސާބުގައި ހުންނަ ހާވީގެ ގެއަށް ފެންނާނެ ހެން، ހާވީ ދެކެ އޭނާ ލޯބިވާކަމާއި ނިދުމުގެ ކުރިން ނިދާކަން ހާވީއަށް އެންގުމަށްޓަކާ ކުރާ ކަމެކެވެ. މިގުޅުން ދެ އަހަރު ވަންދެން ދެމިގެންދިޔަ އެވެ.
"ހާވީ އަކީ އަހަރެންގެ ފުރަތަމަ ލޯބި، އަހަރެންގެ އެންމެ ފުރަތަމަ ލޯބިވެރިޔާ، އަހަރެން ހަގީގީ ލޯބިވި މީހަކީ އެއީ،" ސީއެންއެންއާ ވާހަކަ ދައްކަމުން މިހާރު އުމުރުން 84 އަހަރުގެ ޕޯލް ބުންޏެވެ.
ނަމަވެސް ތަގުދީރު ކަން ދިމާކުރި ގޮތުން ހާވީގެ އުމުރުން 15 އަހަރު އަދި ޕޯލްގެ އުމުރުން 18 އަހަރުގައި މިދެ މީހުން ވަކިވާން ޖެހުނެވެ. ޕޯލްގެ ދައްތަގެ ކައިވެނީގެ ހަފްލާއަށް ދިއުމަށްޓަކާ އޭނާ ދާން ޖެހުނީ ސްކޮޓިއާ އަށެވެ. އަދި އެހަފްލާ ނިންމާލުމަށް ފަހު ޓޮރޮންޓޯގައި ހުންނަ އޭނާގެ ބޭބެއަށް ޒިޔާރަތް ކުރުމަށް އައިސްހުއްޓާ ޕޯލްގެ އަތުން ފައިސާ ހުސްވި އެވެ.
އަނބުރާ ގެއަށް ދިއުމަށް ފައިސާ އެއްކުރުމަށްޓަކާ ޓޮރޮންޓޯގައި ވަޒީފާ އަދާކުރަން ޕޯލް ފެށި އެވެ. އޭގެ އަހަރެއް ފަހުން އަނބުރާ ގެއަށް ދިޔައިރު އޭނާގެ ލޯބިވާ ހާވީ ވަނީ އެ ސަހަރު ދޫކޮށް ގޮސްފަ އެވެ.
ހާވީ ދިޔައީ ޓީޗިން ކޯހެއް ހެދުމަށް ސެއިންޓް ޖޯންސް އަށެވެ. މިކަމާ ހެދި ހިތްހަލާކުވެފައިވާ ހާލު ޕޯލްގެ ދިރިއުޅުން ބަދަލުކުރީ ޓޮރޮންޓޯއަށެވެ. މި ހިސާބުން ދެ މީހުން ދިރިއުޅެން ފެށީ އެކަކު އަނެކަކާ ނުލަ އެވެ. ޕޯލް އަށް ޓޮރޮންޓޯއިން އޮންޓާރިއޯ ނަމަކަށް ކިޔާ އަންހެނަކާ ބައްދަލުވެ، ކައިވެނިކުރި އެވެ.
ހާވޭ އަށް ވެސް ނިއު ފައުންޑްލޭންޑުން މީހެއް ދެކެ ލޯބިވެވި، އެ މީހާއާ ކައިވެނިކުރި އެވެ. ޕޯލް އާއި ހާވީއާ ދެ މީހުންނަށް ވެސް ދަރިންނާއި ކާފަ ދަރިން ވެސް ލިބި އުފަލުގައި ދިރިއުޅެމުންދިޔަ އެވެ. ނަމަވެސް 2017 ވަނަ އަހަރު ހާވީގެ ފިރިމީހާ، ލޭގެ ކެންސަރު ބަލީގައި މަރުވުމުން އަނެއްކާ ވެސް އެކަނިވި އެވެ. ލެން އާއި ހާވީ ކައިވެނިކޮށްގެން 57 އަހަރު ވަންދެން އެކުގައި އުޅުނު އިރު އެ ދެމަފިރިންނަށް ވަނީ ފަސް ކުދިން ލިބިފަ އެވެ.
ޕޯލް 60 އަހަރު ވަންދެން ކައިވެނިކޮށްގެން އުޅުނު އަނބިމީހާ ހެލެން މަރުވީ އޭގެ ދެއަހަރު ފަހުންނެވެ. އޭރު އެ ދެމަފިރިންގެ ދެ ކުދިން ތިބެ އެވެ. ޕޯލް އާއި ހާވީއާ ދެމީހުންގެ ވެސް ބައިވެރިން މަރުވުމުން އިހުސާސުވާން ފެށި އެކަނިވެރިކަން މިވަނީ އަނެއްކާވެސް އެދެ މީހުން ކައިރިކުރުވާފަ އެވެ.
އެއް ދުވަހަކު ޕޯލްގެ ބޭބެއަކު ވަނީ ހާވީއަށް ޕޯލްގެ ނަންބަރުދީފަ އެވެ.
"އަހަރެމެން ދެ މީހުންގެ ބޭބެ ވެސް ތިބޭނީ ސީނިއަ ހޯމްއެއްގައި. އެއް ދުވަހަކު އަހަރެންގެ ބޭބެއަށް ޒިޔާރަތްކުރަން ދިޔަ އިރު ޕޯލްގެ ބޭބެއާއި ބައްދަލުވި. އޭނާ އަހަންނަށް ޕޯލްގެ ނަންބަރު ދިން،" ހާވީ ބުންޏެވެ.
ޕޯލް ހީކުރީ ހާވީ ދުވަހަކު ވެސް ނުގުޅާނެ ކަމަށެވެ. ނަމަވެސް ކަންވީ އެހެންނެއް ނޫނެވެ.
"އަހަރެން ހުރީ އެކަނިވެރިވެފައި. އޭނާވެސް ހުރީ އެކަނިވެރިވެފައި. އަހަރެން ހިތަށް އެރި ޕޯލްއަށް ގުޅާލާފައި އޭނާގެ އަންހެނުން މަރުވުމުން ތައުޒިޔާ ކިޔަން،" ހާވީ ބުންޏެވެ.
އެންމެ ފުރަތަމަ ގުޅައިގެން ދެމީހުން ވެސް ދެއްކީ އެދެމީހުންނަށް ދިރިއުޅުމުގައި ހާސިލްވި ކަންތަކާއި ދަރިންނާއި ދަރިންގެ ދަރިންނާއި ބެހޭ ވާހަކަ އެވެ. ދުވަސް ފާއިތުވަމުންދިޔަ ވަރަކަށް ފޯނު ކޯލުގެ އަދަދާއި ދިގުމިން ދިޔައީ އިތުރުވަމުންނެވެ.
"އެއަށްވުރެ އިތުރަށް އެގުޅުން ހިނގައިދާނެ ކަމަށް އަހަރެން ހިއެއްވެސް ނުކުރަން،" މިހާރު އުމުރުން 81 އަހަރުގެ ހާވީ ބުންޏެވެ.
އޭގެ މަސްތަކެއް ފަހުން ޕޯލްގެ އުފަންދުވަސް އަންނާތީ ހާވީ ނިންމީ އޭނާއަށް ސަޕްރައިޒެއް ދޭން ޓޮރޮންޓޯއަށް ދިއުމަށެވެ. މި ދެ މީހުން ދެވަނަ ފަހަރަށް ބައްދަލުވި ގޮތަކީ މިއީ އެވެ.
"އަހަންނަށް ހާވީ އަންނަކަން އެނގުނީ އެރޭ 10:30 ވާން އުޅެނިކޮށް، އަވަހަށް ތެދުވެ ތައްޔާރުވެލައިގެން ބޯޑެއްގައި 'މަރުހަބާ ފްލޮރެންސް' ލިޔެގެން ކާރު އަންނަތާ ކައިރީ މަޑުކޮށްލައިގެން ހުރިން، އޭނާ ކާރުން ފައިބައިގެން އައިމާ އަހަރެން އޭނާގެ ގައިގައި ބައްދާލާފައި ކޮލަށް ދޮނެއް ދިނިން. އޭނާގެ އަތުގައި ހިފި ވަގުތު އޭނާ އަށް އަހަރެންގެ ހިތް ހަދިޔާކުރެވުނު،" ޕޯލް ކިޔައިދިނެވެ.
މި ދެ މީހުން ބައްދަލުވިތާ ތިން ވަނައަށްވީ ދުވަހު ކައިވެނިކުރާނެ ކަމަށް ނިންމި އެވެ. ދެ މީހުންގެ އާއިލާއިން މިކަމާ ކަންބޮޑުވި ނަމަވެސް ޕޯލް އާއި ހާވީ ޝައްކެއް ނެތް މިންވަރަށް މިކަން ބޭނުމެވެ. އޭރު ޕޯލް ބަނޑުގެ ކެންސަރަށް ފަރުވާ ފަށަން އޮތީ މަސްދުވަހަށް ވެފަ އެވެ. އެހެން ނަމަވެސް ކޮންމެ ހާލެއްގައިވެސް ޕޯލްއާ އެކުގައިވާން ނިންމައިގެން ހުރި ހާވީއަށް މިއީ މައްސަލައަކަށް ނުވި އެވެ.
ޕޯލް އާއި ހާވީ ކައިވެނި ކޮށްފައިވަނީ އާއިލާއާއި ގާތް މީހުންގެ ހާޒިރުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު އެވެ. އަޖައިބެއް ކަހަލަ މި ލޯބީގެ ވާހަކަ އިވި އެ ހަފުލާގައި ބައިވެރިވި އެންމެން ވެސް ފެންކަޅިވި އެވެ.
ކައިވެނި ހަފްލާގައި ވާހަކަ ދައްކަމުން ހާވީ ބުނީ "އަހަރެންގެ ފުރާވަރުގައި އެންމެ ފުރަތަމަ އަހަރެން ގެއަށް ލައިދޭން އައި ފިރިހެން ކުއްޖަކީ ތިއީ، އަހަރެންގެ އުންމީދަކީ ހަޔާތުގައި އެންމެ ފަހުންވެސް އަހަރެން ގެއަށް ލައިދޭނެ މީހަކީ ތިއީ ކަމަށް،"