އީރާނުގައި ބުރުގާ ނާޅާ އަންހެނުން 10 އަހަރަށް ޖަލަށް ލެވޭ ގޮތަށް ގާނޫނެއް ހަދައިފި އެވެ.

މި ގާނޫނު މިހާރު ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމުގެ މަރުހަލާގަ އެވެ.

އީރާނުގައި ބުރުގާ އެޅުމާ ބެހޭ ގޮތުން ހަރުކަށި ގާނޫނެއް މިހެދީ ބުރުގާގެ މައްސަލާގައި މަގުތަކަށް މީހުން ނިކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާތަކެއް ކުރަމުން އަންނަ ދުވަސްވަރެއްގަ އެވެ. ބުރުގާގެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި 22 އަހަރުގެ މާޝާ އަމީނީގެ މަރާ ގުޅިގެން މުޅި ގައުމުގައި ހިންގައިދިޔަ ހަމަނުޖެހުންތަކުގެ އަސަރު އެ ގައުމުން އަދިވެސް ފިލައިގެން ނުދެ އެވެ.

ހުޅަނގުގެ މީޑިއާތަކުން ބުނާ ގޮތުގައި އަލަށް ތައާރަފުކުރެވޭ ގާނޫނުގައި ބުރުގާ ނާޅާ އަންހެނުން މަސައްކަތް ކުރާ ވިޔަފާރިތައް ބަންދުކުރުމުގެ ބާރު ވެސް ސަރުކާރަށް ލިބިދެ އެވެ.

އަލަށް ތައާރަފު ކުރެވޭ ގާނޫނުގައި ބުރުގާ ނޭޅުމުގެ ކުށަށް ދެވޭ އަދަބު 60 އެތިފަހަރުން ތައުޒީރުކުރުމާއި ތަފާތު ޖުރިމާނާކުރުމުގެ އިތުރުން ގިނަވެގެން 10 އަހަރަށް ޖަލަށް ލުން ވެސް ހިމެނެ އެވެ.

އީރާނުގެ ހިއުމަން ރައިޓްސް ލޯޔަރެއް ކަމަށްވާ ހުސޭން ރައީސީ ބުނި ގޮތުގައި ބުރުގާގެ މައްސަލައިގައި ކަނޑައެޅިފައިވާ ޖަލު ހުކުމުގެ މުއްދަތަކީ އެ ގައުމުގައި ބޮޑެތި ކުށްވެރިންނަށް ދެވޭ އަދަބާ އެއްވަރެއްގެ މުއްދަތެކެވެ. އޭގެ ތެރޭގައި ޑްރަގް ޓްރެފިކްކުރާ މީހުންނާއި މީހުން މަރާ މީހުން ވެސް ހިމެނެ އެވެ.

ޑްރާފްޓްކޮށް ނިމިފައިވާ ގާނޫނު މިހާރު އޮތީ އީރާނުގެ ސްޕްރީމް ކައުންސިލުން މުތާލިއާކުރަން ފޮނުވައިފަ އެވެ.