ރިސޯޓުތަކުގެ ވަކިވަކި ކޮޓަރިތައް ދިގު މުއްދަތަށް ކުއްޔަށް ދޫކުރާއިރު ރިއަލް އެސްޓޭޓް ޓެކުހެއް ނަގަން ޖެހޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ބަދަލު ގެންނަ އިސްލާހެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

މި އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އެވެ.

އީސަ ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ޓޫރިސްޓު ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއްގެ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށްދޭ ނަމަ އެ ތަނެއް ވިއްކާ ޖުމްލަ އަގުގެ ހަތަރު ޕަސެންޓުގެ ރޭޓުން ރިއަލް އެސްޓޭޓް ޓެކްސް ދައްކަން ޖެހޭނެ ކަމަށެވެ.

މި ޓެކްސް ދައްކަން ޖެހޭނީ ދިގު މުއްދަތަށް ކުއްޔަށް ނަގާ ފަރާތުންނެވެ. ނަމަވެސް އެ ޓެކްސް މީރާއަށް ދައްކަން ޖެހޭނީ، އެ ކޮޓަރި ވިއްކި ފަރާތުން ކަމަށް ޓޫރިޒަމްގެ ގާނޫނަށް ގެނެސްފައިވާ މި އިސްލާހުގައި ބުނެފައިވެ އެވެ. އަދި މި ޓެކްސްއާ ގުޅޭ އުސޫލުތަކާއި ޓެކްސް ނުދެއްކުމުން އަޅާނެ އިދާރީ ފިޔަވަޅުތަކާއި އެނޫން ވެސް އިދާރީ އުސޫލުތައް މީރާއެއް ކަނޑައަޅަންވާނެ ކަމަށް އެ ބިލްގައި ބަޔާންކޮށްފައިވެ އެވެ.

ޓޫރިޒަމް ރިއަލް އެސްޓޭޓް ނަގަން ފެށުމާ އެކު އެ ވިލާއަކުން ދައްކަންޖެހޭ ޓީޖީއެސްޓީ ދެއްކުން ނިމުމަކަށް އަންނާނެ ކަމަށް އެ ބިލްގައި ބުނެފައިވެ އެވެ.

ރިސޯޓުތަކުގެ ވަކިވަކި ކޮޓަރިތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ ގޮތަށް އާ ގަވައިދެއް ހަދައި، އެއަށް އަމަލުކުރަން ފެށީ މިދިޔަ ހަފްތާއިން ފެށިގެންނެވެ. އެ ގަވައިދުގައިވާ ގޮތުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ތަނެއް ރަޖިސްޓަރީ ކުރުމުގެ ފީއެއްގެ ގޮތުގައި އެ ތަން ކުއްޔަށް ދިނުމަށް ހުށަހަޅާ ފަރާތުން 5،000ރ. ގެ ފީއެއް މީރާއަށް ދައްކަން ޖެހޭނެ އެވެ.

ވިލާ ކުއްޔަށް ނަގާ ފަރާތްތަކަށް އެ ވިލާއެއް ނިސްބަތްވާ ރިސޯޓަށް ބޭނުން އިރަކު އަރާ ފޭބުމުގެ ހުއްދަ އޮންނާނެ އެވެ. އެހެން ނަމަވެސް، މިގޮތަށް ކުއްޔަށް ނަގާ ފަރާތްތަކަށް އެތަން ސަބްލީޒް ކުރުމުގެ ބާރެއް ނޯންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ އުސޫލާ ހިލާފަށް ކޮޓަރިތައް ކުއްޔަށްދޭ ނަމަ ފުރަތަމަ ފަހަރު 25،000ރ. އިން އަދި ދެވަނަ ފަހަރު 50،000ރ. އިން، ދެ ފަހަރަށް ވުރެ ގިނައިން ނަމަ، އެއްލައްކަ ރުފިޔާ އިން ކުއްޔަށް ދޭ ފަރާތް ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ.

ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ނިންމާފައިވާ ވިލާ ނުވަތަ ކޮޓަރ،ި ކުއްޔަށް ދިނުމުގެ ކުރިނ،ް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓަރީ ކުރަން ޖެހޭނެ އެވެ. އަދި މި އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ތަނެއް ރަޖިސްޓަރީ ކުރުމުގެ ފީއެއްގެ ގޮތުގައި އެ ތަން ކުއްޔަށް ދިނުމަށް ހުށަހަޅާ ފަރާތުން 5،000ރ. ގެ ފީއެއް މީރާއަށް ދައްކަން ޖެހޭނެ އެވެ.