ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ޖޯޑު ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އެވެ. އެހެންކަމުން މި ދެމަފިރިން އެއްކޮށް ފިލްމުތަކުން ފެނުމަށް ގިނަ މީހުން ބޭނުންވެ އެވެ. އެހެން ނަމަވެސް ގިނަ ޕްރޮޑިއުސަރުން މި ދެމީހުން އެކުގައި ފިލްމަކަށް ނެގުމަށް ޖެހިލުންވެ އެވެ. އެއީ އެމީހުން ފިލްމު ކުޅުމަށް ކިޔާ އަގު ބޮޑުވުމާއެކު އެވެ.

ދާދި ފަހަކުން މަޖައްލާއަކަށް ދިން އިއްޓަވިއުއްގައި ދިޕިކާ ވަނީ މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. ދިޕިކާ ބުނީ ރަންވީރާއެކު ފިލްމެއް ނުވަތަ އިޝްތިހާރެއް ކުޅޭނަމަ އެކަމަށް ނަގާ ފީ ބޮޑުވެގެންދާނެ ކަމަށެވެ. އެއީ އެމީހުން ނަގަނީ "ޕްރިމިއަމް" ޕެކޭޖް ކަމަށްވެސް ބުންޏެވެ.

ޑަފް އެންޑް ފެލްޕްސްގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އިންޑިއާގެ އެންމެ އަގުބޮޑު ތަރިންގެ ގަދަ 10 ގައި ދިޕިކާ އާއި ރަންވީރު ހިމެނެ އެވެ.

އަދި ފިލްމަކަށް ދީޕިކާ 12-15 ކްރޯޑް ރުޕީސް ނަގާއިރު ދިޕިކާއަކީ ބޮލީވުޑްގައި އެންމެ އަގު ބޮޑު ބަތަލާ އެވެ. މީގެ އިތުރުން ދިޕިކާ އަކީ ދުނިޔޭގެ މަގުބޫލު ބްރޭންޑްތަކާއި އިންޑިއާގެ ބައެއް ބްރޭންޑްތަކުގެ އެމްބެސެޑަރުގެ މަގާމުވެސް އަދާކޮށްފައިވާ ފަންނާނެކެވެ.

ދީޕިކާ އާއި ރަންވީރު ކައިވެނިކުރީ 2018 ވަނަ އަހަރު އިޓަލީގަ އެވެ.

ރަންވީރު އާއި ދީޕިކާ އެކުގައި ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި 2013 ގައި ނެރުނު "ގޯލިޔޯން ކީ ރާސްލީލާ ރާމް-ލީލާ" ހިމެނެ އެވެ.

އެންމެ ފަހުން ރަންވީރު އަދި ދީޕިކާ ފެނިފައިވަނީ 2015 ވަނަ އަހަރު ޕްރިޔަންކާ ޗޯޕްރާ ވެސް ފެނިގެން ދިޔަ ސަންޖޭގެ ފިލްމު "ބަޖިރާއޯ މަސްތާނީ" އާއި "ޕަދްމާވަތު" (2018) އިން ޝާހިދު ކަޕޫރާ އެކުގަ އެވެ.